ޔުކްރެއިންގެ ހަމަލާއެއްގައި، ރަޝިއާގައި ހަރަކާތްތެރިވަމުންދާ އުތުރު ކޮރެއާގެ ސިފައިންގެ އިސްކޮމާންޑަރަކު ޒަޚަމް ކޮށްލައިފިއެވެ.

މިއީ ރަޝިޔާއާ ގުޅިގެން ކޮރެއާގެ ސިފައިން ޔުކްރެއިންގެ ހަނގުރާމައިގައި ބައިވެރިވާން ފެށުމަށްފަހު، ކޮރެއާގެ ސިފައިންގެ މީހަކަށް އަނިޔާ ލިބުނު ފުރަތަމަ ފަހަރެވެ. މިކަން ހިނގާފައިވަނީ ރަޝިޔާގެ ކުރުސްކް ސަރަހައްދަށް ޔުކްރެއިން ދިން ހަމަލާއެއްގައެވެ.

Ad
rt

ހުޅަނގުގެ މަޞްދަރުތަކުން ބުނާ ގޮތުގައި، މި އޮފިސަރަށް އަނިޔާވެފައިވާ މިންވަރާއި އަނިޔާ ވީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ. "ދަ ވޯލް ސްޓްރީޓް ޖާނަލް" އިން ހަވާލާދީފައިވާ މަޞްދަރެއް ބުނާ ގޮތުގައި، މި ހަމަލާ އަމާޒުވެފައި ވަނީ މަރީނޯގައި ހުރި ރަޝިޔާ އާއި ކޮރެއާގެ ސިފައިން ބޭނުންކުރާ ކޮމާންޑް ޕޯސްޓަކަށް ކަމަށް ބެލެވެއެވެ.

ކުރުސްކަށް ދިން މި ހަމަލާގައި ޔުކްރެއިން ބޭނުންކޮށްފައިވަނީ ބްރިޓިޝް ސްޓޯމް ޝެޑޯގެ 10 މިސައިލް ކަމަށް ބެލެވޭ ކަމަށް ރަޝިއާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުން، ރަޝިޔާގެ ރައީސް ޕުޓިންއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިހާތަނަށް 10،000 އަށްވުރެ ގިނަ ސިފައިން ފޮނުވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން ބައެއް ސިފައިން ކުރުސްކް ސަރަހައްދުގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ރަޝިޔާއިން ކޮރެއާއަށް ހަތިޔާރުވެސް ފޯރުކޮށްދޭ ކަމަށްވަނީ ޚަބަރު ފެތުރިފައެވެ. އަދި މި ހުރިހާ ކަމެއް ކުރަނީ ތެލުގެ ބަދަލުގައިކަމަށް ރިޕޯޓްކޮށްފައިވެެއެވެ.

ހުކުރު ދުވަހު ބްރިޓިޝް ބްރޯޑްކާސްޓަރ "ބީބީސީ" އާއި "އޯޕަން ސޯސް ސެންޓަރ" އިން ހާމަކުރި ގޮތުގައި މާރިޗު މަހުން ފެށިގެން ރަޝިޔާއިން ވަނީ ކޮރެއާއަށް އެއް މިލިއަނަށްވުރެ ގިނަ ބެރަލް ތެޔޮ ފޯރުކޮށްދީފައެވެ.