الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:
ޚުލާޞާ ޖަވާބު: އިމާމު މީހާ ފާތިހާ ސޫރަތް ކިޔާއި ނިމުމަށްފަހު އަނެއް ސޫރަތް ފެށުމާ ދެމެދު މައުމޫމު މީހާ ފާތިހާ ސޫރަތް ކިޔެވުމަކީ އެންމެ ރަނގަޅު ގޮތެކެވެ. އަދި ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ވެސް ފާތިޙާ ސޫރަތް ކިޔެވުމަކީ ވާޖިބެއް ކަމުގައި ވާތީ، ކޮންމެހެން ވެސް މި ސޫރަތް ކިޔަވަން ވާނެއެވެ. އެގޮތުން މައުމޫމުން ފާތިޙާ ސޫރަތް ކިޔެވުމަށް އެންމެ ރަނގަޅު ވަގުތެއްކަމުގައި ވަނީ އިމާމު މީހާ ފާތިޙާ ސޫރަތް ކިޔަވައި އަވަދި ވުމުން، އަނެއް ސޫރަތް ފެށުމާ ދެމެދުގައެވެ. والله أعلم.
ތަފްޞީލީ ޖަވާބު: ނަމާދުގެ ކޮންމެ ރަކުއަތެއްގައި ވެސް ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. އިމާމު މީހާ އާއި އެކަނި ނަމާދު ކުރާ މީހާ ކޮންމެހެން ވެސް ސޫރަތުލް ފާތިޙާ ކިޔަން ޖެހޭނެއެވެ. އެކަމުގައި ޚިލާފެއް ނެތެވެ. އެހެން ނަމަވެސް، ސީދާ ޖަވާބަށް ދިއުމުގެ ކުރިން އެންމެ ފުރަތަމަ ކަމަކަށް، މައުމޫމުން (އެބަހީ އިމާމުގެ ފަހަތުގައި ޖަމާޢަތުގައި ނަމާދުކުރާ މީހުން) ނަމާދުގައި ސޫރަތުލް ފާތިޙާ ކިޔެވުމުގެ ޙުކުމާމެދު ވާހަކަދައްކާލުން މުހިންމެވެ. މި މައްސަލާގައި ފިޤުޙު ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވުމެއް އުފެދިފައިވެއެވެ.
ފުރަތަމަ ރައުޔު: މާލިކީ މަޒުހަބާއި ޙަންބަލީ މަޒުހަބުގައި ވާގޮތުންނަމަ، އެ ނަމާދަކީ އަޑުހަރުކޮށް ކިޔަވާ ނަމާދެއް ނުވަތަ ސިއްރުން ކިޔަވާ ނަމާދެއްކަމުގައި ވީ ނަމަވެސް، ފާތިޙާ ސޫރަތް ކިޔުމަކީ މައުމޫމުގެ މައްޗަށް ވާ ވާޖިބެއް ނޫނެވެ. ސުންނަތެކެވެ. އެއީ އައް ޠަބަރާނީ އާއި އައްދާރުޤުޠުނީ އާއި އަލްބައިޙަޤީ ރިވާކުރައްވަފައިވާ ނަބިއްޔާގެ އަންނަނިވި ޙަދީޘުގެ މައްޗަށް ބިނާކޮށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. من كان له إمام فقراءة الإمام له قراءة
މާނަ: "(ނަމާދުކުރާ އިރު) އެމީހަކަށް އިމާމެއް ވާ މީހާއަށް ފަހެ އިމާމު މީހާ ގެ ކިޔެވުމަކީ އޭނާގެ ވެސް ކިޔެވުމެވެ." ޙަދީޘުގެ މުރާދަކީ އިމާމު މީހާ ކިޔެވުމުން އެ ފުދުނީއެވެ. މައުމޫމު ކިޔަވާކަށް ނުޖެހޭނެއެވެ. ނަމަވެސް މި ޙަދީޘަކީ ވަރަށް ބަލިކަށި ޙަދީޘެކެވެ.
ދެވަނަ ރައުޔު: ޙަނަފީ މަޒުހަބުގައި ވާ ގޮތުން ނަމަ މައުމޫމުން ސޫރަތުލް ފާތިޙާ ކިޔުމެއް ނުވެއެވެ. އެއީ ﷲ ތަޢާލާ މިފަދައިން ވަޙީކުރައްވާފައި ވާތީއެވެ: وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا
މާނަ: " އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ!"
ޤުރްއާން ކިޔަވާ އަޑު އިވޭ ހިނދު ޢަމަލުކުރަން ޖެހޭނީ މި ގޮތަށެވެ. ނަމަވެސް އިތުރަށް ފެންނާން ހުރި ދަލީލުތަކުން، އާޔަތުގައި އެވާ ޙުކުމަށް ޢަމަލުކުރިނަމަވެސް ފާތިޙާ ސޫރަތް ކިޔަވަން ޖެހޭ ކަން އިނގެއެވެ. ތިންވަނަ ރައުޔުގައި އެބައި ހިމަނާލާނަމެވެ.
ތިންވަނަ ރައިޔު: އެއީ ޝާފިޢީ މަޒުހަބުގެ ރައުޔެވެ. އެއީ، ނަމާދަކީ ސިއްރުން ކިޔަވާ ނަމާދެއް ނުވަތަ ބާރަށް ކިޔަވާ ނަމާދެއް ކަމުގައި ވީ ނަމަވެސް، ސޫރަތުލް ފާތިޙާ ކިޔެވުމަކީ މައުމޫމުންގެ މައްޗަށް ވާ ވާޖިބެކެވެ. އެއީ ނަބިއްޔާގެ އަންނަނިވި ދެ ޙަދީޘް ބަސްފުޅުން ދަލީލު ނަންގަވައިގެންނެވެ.
ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. لَا صَلَاةَ لمن لم يقْرَأ بِفَاتِحَة الْكتاب
މާނަ: "ފާތިޙަތުލް ކިތާބު (އެބަހީ: ސޫރަތުލް ފާތިޙާ) ނުކިޔައިފި މީހަކަށް ނަމާދެއް ނުވެއެވެ."
އަދި ވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަންގެ އެހެން ޙަދީޘެއްގައި ވެއެވެ: لا تجزئ صلاة لا يقرأ فيها بفاتحة الكتاب
މާނަ: " ފާތިޙަތުލް ކިތާބު (އެބަހީ: ސޫރަތުލް ފާތިޙާ) ނުކިޔަވައި ކުރާ ނަމާދެއް ރަނގަޅެއް ނުވާނެއެވެ."
މި ދެ ޙަދީޘުން އެނގޭ ގޮތުގައި ނަމާދުގައި އިމާމު އަދި މައުމޫމު ވެސް ސޫރަތުލް ފާތިޙާ ކިޔަވަން ޖެހޭނެއެވެ. މައުމޫމުން ކިޔަވަން ޖެހޭނީ ސިއްރުންނެވެ.
މި މައްސަލާގައި އެންމެ ރަނގަޅު ރައުޔަކީ ތިންވަނަ އަށް މި ދެންނެވުނު ރައުޔެވެ. މިރައުޔުގައި ވާ ގޮތުންނަމަ މައުމޫމުން ސިއްރުން ފާތިާޙ ސޫރަތް ކިޔަވަން ޖެހޭނެއެވެ.
ދެވަނަ ކަމަކަށް ފާތިޙާ ސޫރަތް ކިޔަވަން ވީ ކޮން ވަގުތެއްގައި ކަން އެނގުން މުހިންމެވެ. އިމާމު މީހާ ފާތިޙާ ސޫރަތް ކިޔަވާ ވަގުތު މައުމޫމު ވެސް އެ ސޫރަތް ކިޔަވާނަމަ، އިމާމުގެ ކިޔެވުން ރަނގަޅަށް އަޑެއް ނުއިވޭނެއެވެ. އެހެންކަމުން މައުމޫމުން ފާތިޙާ ސޫރަތް ކިޔެވުން އެންމެ އެދެވިގެން ވަނީ އިމާމު މީހާ ފާތިޙާ ސޫރަތް ކިޔަވާ ނިމުމުންނެވެ. މި ގޮތަށް އިހުގެ އަދި ފަހުގެ ޢިލްމުވެރީން ވެސް ފަތުވާ ދެއްވާފައިވެއެވެ.
والله أعلم.
ޖަވާބު ދެއްވީ އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު.