ވޭޕް އެތެރެކޮށް އޭގެ ވިޔަފާރި ކުރުމާއި އެ ބޭނުން ކުރުން މަނާކުރުމަށް ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އައިފާން އެވެ.
މި ބިލުގެ މަސައްކަތް ނިންމައި އިޖްތިމާޢީ ކޮމިޓީން މި ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ތަޅުމުގައި އިއްވުމަށްފަހު، ބަހުސްއަށް ފުރުސަތު ދިނުމަށްފަހު މިއަދުގެ ވޯޓު ގަޑީގައި މި ބިލަށް ވަނީ ވޯޓަށް އަހާފައެވެ.
މި ބިލު ފާސްކުރަން ނެގުނު ވޯޓުގައި 52 މެންބަރުން ބިލު ފާސްކުރަން ވޯޓުދެއްވިއިރު 9 މެމްބަރަކު ވަނީ ބިލު ފާސްކުރުމާއި ދެކޮޅަށް ވޯޓު ދެއްވާފައެވެ. 8 މެމްބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
މި ބިލުގައި ބުނެފައި ވަނީ މި މަހުގެ 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އެތެރެ ކުރުން މަނާވާނެ ކަމަށެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވިއްކުން ވެސް މަނާވާނެ ކަމަށެވެ.
މި ބިލުގައި ބޮޑެތި ޖޫރިމަނާތަކެއް ވެސް ހިމަނާފައިވާއިރު، ބިލު ފާސްކޮށްފައި ވަނީ އިޖުތިމާއީ ކޮމެޓީން އެ ބިލަށް ގެނެސްފައިވާ އިސްލާޙްތަކާ އެކުގައެވެ.
ބިލުގައިވާ ގޮތުން ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާކުރެވޭއިރު، ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. ގެ ޖޫރިމަނާ ކުރެވެއެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ ވިއްކި މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ.
ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!