"އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ގަރާރު ބާތިލްކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ހިންގަމުން ދިޔަ ހަރަކާތްތައް ހުއްޓުވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށް ބުނެ އެ ގަރާރު ބާތިލް ކުރަން ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވީ ސެޕްޓެމްބަރު, 2022 ގަ އެވެ.

Ad
rt

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ޔާމީންގެ ވަކީލުން ކޯޓަށް ހާޒިރު ވެފައި ނުވާތީ އެ މައްސަލާގެ ދައުވާ ފޯމް ބާތިލްކުރީ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމުގެ ގަރާރުގެ ދަށުން، އޭރު ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާއެއް ފުލުހުން އަތުލި އެވެ.

ނަމަވެސް ހައި ކޯޓުން ފަހުން ނިންމާފައިވަނީ އެ ބެނާ ނެގުމުގައި ފުލުހުން އަމަލުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.