ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި މޯލްޑިވްސް ޕޯސްޓުން ތަޢާރަފުކޮށްފައިވާ އޮންލައިން އީކޮމަރސް ޕްލެޓްފޯމް، އީޓުކުރި، ވަނީ ގިނަ ވިޔަފާރިތަކެއްގެ ކުރިއެރުމަށް މަގުފަހިކޮށްދީފައެވެ.

މި ޕްލެޓްފޯމްގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ލިބިފައިވާ ކުރިއެރުމުގެ ރަމްޒެއްގެ ގޮތުގައި 'ދުފި' ފާހަގަކޮށްލެވެއެވެ.

Ad
rt

'ދުފި' އަކީ 2020 ވަނަ އަހަރުގެ ލޮކްޑައުންގެ ތެރޭގައި ސުލްވާނާ ޝިހާބް އާއި އޭނާގެ ފިރިމީހާ އިސްމާއިލް މަޒްހަމް ފަށާފައިވާ ވިޔަފާރިއެކެވެ. އަނގަމީރު ކާނާ އުފެއްދުމުގެ މަޤްޞަދުގައި ފެށި މި ވިޔަފާރި، ކުޑަ މުއްދަތެއްގެ ތެރޭގައި ވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރައިގޮސްފައެވެ. މި ކުރިއެރުމާއެކު، އެ ދެމަފިރިން ނިންމީ ޑެލިވަރީގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އީޓުކުރިއާ ގުޅުމަށެވެ.

"އަސްލު އީޓުކުރި އާ ގުޅުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ފަސޭހައިން ޑެލިވަރީ ކުރާނެ ގޮތެއް ހޯދުން،"

ސުލްވާނާ ބުނެފައިވާ ގޮތުގައި، އީޓުކުރިއާ ގުޅުމަށްފަހު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން ރާއްޖެއިން ބޭރަށްވެސް 'ދުފި'ގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މިއީ ހަމައެކަނި 'ދުފި' ވައިގައި ހިފުވި ދެމަފިރިންނަށް އޮތް ފުރުޞަތެއް ނޫނެވެ. އީޓުކުރިގައި ހިލޭ ރަޖިސްޓަރީ ކޮށްގެން ވިޔަފާރި ފުޅާކުރުމުގެ ފުރުޞަތު ދިވެހި ހުރިހާ ވިޔަފާރިތަކަށްވެސް ވަނީ ހުޅުވިފައެވެ.

އީޓުކުރިއާއެކު މަސައްކަތްކުރުމުގެ ތަޖުރިބާއާ ގުޅޭގޮތުން ސުލްވާނާ ފާހަގަކޮށްފައިވަނީ، "އީޓުކުރި ޓީމް އަކީ ވަރަށް ރަނގަޅު ގުޅުމެއް ބާއްވަން އަބަދުވެސް މަސައްކަތް ކުރާ ބައެއް. އެހެންވެ ވަރަށް ފަސް ފަސޭހަ މަސައްކަތް ކުރަން އީޓުކުރިއާއެކު،" މިފަދައިންނެވެ. ހަތަރު އަހަރު ދުވަހުގެ މުއްދަތުގައި އެއްވެސް ކަސްޓަމަރެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާކަމީ އީޓުކުރިގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ދައްކުވައިދޭ ކަމެއްކަން ފާހަގަ ކުރިއެވެ.
'ދުފި'ގެ ވެރިން ދެކޭގޮތުގައި، އީޓުކުރިއަކީ ރާއްޖޭގެ ގިނަ މީހުންނަށް އެނގެން ޖެހޭ ޕްލެޓްފޯމެކެވެ. އަދި އީޓުކުރިން ލިބޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއްކަން އެ ދެމަފިރިން ވަނީ ހާމަކޮށްފައެވެ.

އެ ދެމަފިރިންގެ އުއްމީދަކީ އީޓުކުރި އަދިވެސް އިތުރަށް ފުޅާވުމެވެ.

"އުންމީދަކީ އީޓުކުރި އަދިވެސް ގިނަ މީހުންނަށް އެނގި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިތައް ފުޅާވެގެން ދިޔުން." ސުލްވާނާ ބުންޏެވެ.

އީޓުކުރިއާއެކު މި މަސައްކަތް ފެށުމަކީ މި ދެމަފިރިންގެ ވިޔަފާރިއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމަށް ދެމަފިރިން ދެކެއެވެ.