ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި މި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އައިއެސްޑީބީގެ އެހީގެ ދަށުން އިހަވަންދޫގައި ގާއިމްކުރަން ނިންމާފައިވާ 500 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެ ކޯލްޑް ސްޓޯރޭޖް ނިމި އޮޕަރޭޝަނަށް އައުމާއިއެކު އިހަވަންދިއްޕޮޅިގެ މަސްވެރިންނަށް މަސްކިރުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ހޯރަފުށީގައި ހުރި އައިސްޕްލާންޓް މައްސަލަ ޖެހިފައި ހުންނަތާ މުއްދަތެއް ފާއިތުވެފައިވާތީ އެތަން އޮޕަރޭޝަނަށް ގެނެވޭނީ ކޮން އިރަކުންތޯ ހޯރަފުށީ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު ރާއްޖޭގައި 70 އައިސްޕްލާންޓެއް ހުރި ކަމަށާއި، އޭގެތެރޭގައި މިފްކޯގެ ބެލުމުގެ ދަށުގައިވާ އައިސްޕްލާންޓް ތަކާއި ފެނަކައިގެ ބެލުމުގެ ދަށުގައިވާ އައިސްޕްލާންޓްތައް ހިމެނޭ ކަމަށެވެ.
މިނިސްޓަރި އިތުރަށް ވިދާޅުވީ ހޯރަފުށީ އައިސްޕްލާންޓަކީ ފާއިތުވިތަނުގައި މައްސަލަ ޖެހެމުން ޖެހެމުން އައިސްފައިވާ އައިސްޕްލާންޓެއް ކަމަށާއި، ސަރުކާރުން މިފްކޯއާއި ފެލިވަރާއި ގުޅިގެން އެ އައިސްޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން މިނިސްޓަރ ވަނީ ފާހަހަގަ ކުރައްވާފައެވެ. އަދި ވަރަށް އަވަހަށް އެތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ރާއްޖޭގައި ހުރި ބައެއް އައިސްޕްލާންޓްތައް ހިންގުން ފެނަކައާއި ހަވާލުކޮށްފައި އޮތުމުން މިނިސްޓަރ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ފެނަކައަކީ އައިސްޕްލާންޓް ހިންގާ ކުންފުންޏެއް ނޫން ކަމަށާއި އެއީ ކަރަންޓްގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން އޮތް ކުންފުންޏެއް ކަމަށެވެ.
ރާއްޖޭގައި ހުރި ގިނަ އައިސްޕްލާންޓްތައް ހުއްޓިފައި ހުރި އެއް ސަބަބެއް ގޮތުގައި މިނިސްޓަރ ފާހަގަ ކުރެއްވީ އެކަމަށް ބޭނުންވާ ޓެކްނިކަލް މީހުން އެ ރަށްރަށުގައި ނެތުމެވެ.
ކުރީ ސަރުކާރުން ތައާރަފް ކުރައްވާނެ ކަމަށް ވައުދުވި ގޭދަށު މަސްފެކްޓަރީގެ އެއްވެސް ތަނެއް ނިމިފައިވޭތޯ ހޯރަފުށީ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެއްވެސް ގޭދަށު މަސްފެކްޓަރީއެއް ނިމިފައިނުވާ ކަމަށާއި އެ މަސައްކަތް ފަށަން ކުރީ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ކޮންޓެކްޓަރުންނަށް ފައިސާ ނުދިނުމާއި ގުޅުގެން އެކަން ކުރިއަށް ނުދާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއާއި އިންޑިއާއާއި އޮތް ގާތް ގުޅުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރެވި މިހާރު ގޭދަށު މަސްފެކްޓަރީގެ މަސްރޫއު މި ސަރުކާރުން ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!