ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ވެސް ވިލެޖް ވީވަރ އާލާ ކުރުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒު ރިކްރިއޭޝަން ކްލަބުން އިސްނަގައިގެން ފަށައިފިއެވެ.
ނެއްލައިދޫގެ ގުދުރަތީ މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސް ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގުސަދުގައި މި ދޫނި އެ ރަށުގައި އާލާކުރުމުގެ މަސައްކަތް ކުރަނީ ރަށުގައި ހުރި ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުމާއި ވެސް އެކުގައެވެ. އަދި ރަށް ޕްރޮމޯޓް ކުރުމަށް ހަދާފައިވާ "ވިޒިޓް ނެއްލައިދޫ" ފޭސްބުކް ޕޭޖުން ވެސް އަންނަނީ މިކަމުގައި ބައިވެރިވަމުންނެވެ.
ދޫނި ގަތުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން (7714317، 7801618) އަށް ގުޅުމަށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އެދެއެވެ.
މިކަމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ހަސަން އިހްސާން މި ނޫހަށް މައުލޫމާތު ދެމުން ބުނީ އެ ރަށުގައި ވިލްޖެ ވީވަރ އާލާކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ހުރިހާ މުއައްސަސާތަކާއި ގުޅިގެން ކަމަށެވެ.
އޭނާ އިތުރަށް ބުނީ އެހީތެރިކަން ހޯދުމަށް ހުޅުވާލުމާއިއެކު ދޫނި ގަތުމަށް ބޭނުންވާ ފައިސާ އެކިއެކި ފަރާތްތަކުން ލިބެމުން އަންނަ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ފަންޑް ލިބޭވަރަކުން ދޫނީގެ ޕެއާތަށް ރަށަށް ގެންނާނެ ކަމަށާއި، ދޫނި ފުރަތަމަ އާލާ ކުރުމުގެ ވިސްނުން ހުރީ ސިއްހީ މަރުކަޒު ގޯތިތެރޭ ހުރި ގަސްތަކުގައި ކަމަށެވެ. އަދި ޖެހިގެން އޮތް ކުޑަކުދިންގެ ޕާކާއި ޖެހިގެން އޮތް ބަނދަރު ސަރަހައްދުގައި ދޫނި އާލާވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމުގައި އޭނާ ބުންޏެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި މި ދޫނި އާލާ ކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު އަންނަނީ ކުރަމުންނެވެ. ނެއްލައިދޫއާއި ދާދީ ކައިރީގައި އޮތް ނައުވާދޫގައި ވެސް ވީވަރ އާލާ ކުރުމުގެ މަސައްކަތް އަންނަނީ ވަރަށް ކާމިޔާބު ކަމާއިއެކު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!