ހެޔޮ ވެރިކަން ކުރިއަރުވައި، ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ވަރަށް ބޮޑެތި މަސައްކަތްތަކެއްކުރަމުން އަންނަކަމަށް ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް)ގެ އެގްޒެކެޓިވް ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މި ސެޝަންގައި ނައިބު ރައީސް ހުސެން ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރެއްވުމަށް، ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފަވެއެވެ.
ނައިބު ރައީސް ވިދާޅުވިގޮތުގައި، މިނިވަންކަމާއި އިންސާފުވެރިކަމާއެކު، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހަތަރު ބުރެއް ކާމިޔާބުކަމާއެކު ރާއްޖޭގައި ވަނީ ބޭއްވިފައެވެ.
މިކަމަކީ ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ބިނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ދަލީލުކޮށްދޭ ކަމެއްކަން ނައިބުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މި އިންތިޚާބުތައް އޮބްޒާވްކުރެއްވުމުގައި ކޮމަންވެލްތުގެ ސެކްރެޓޭރިއެޓުން އަދާކުރައްވާފައިވާ މުހިންމު ދައުރަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުން 2024، ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އެވެ.
ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގެ ޝިޢާރަކީ "ވަން ރެސިލިއަންޓް ކޮމަން ފިއުޗާ: ޓްރާންސްފޯމިން އަވާ ކޮމަންވެލްތު" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!