ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްއެއް ބެހެއްޓުމުގެ މަޝްވަރާތައް އެ ބޭންކާއިއެކު ހަނިމާދޫ ކައުންސިލުން ކޮށްފިއެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގު މުހައްމަދު ސޯޝްލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި އެ ބޭންކްގެ އޭޓީއެމްއެއް ހަނިމާދޫގައި ބަހައްޓައި ދިނުމަށް ކުރިން ވެސް އެދިފައިވާނެ ކަމަށާއި، މި ހަފްތާތެރޭ އެ ބޭންކާއިއެކު ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި އުންމީދީ ޖަވާބެއް ލިބިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް ކައުންސިލަށް އަންގާނެ ކަމުގައި ބޭންކުން މައުލޫމާތު ދީފައިވާކަމަށެވެ.

Ad
d

މީގެ އިތުރުން އާއްމުންގެ ގެދޮރު ހެދުމުގައި ބޭންކްތެރޭ ހުރި ފަހި ފުރުސަތުތަކާއި ގުޅޭގޮތުން ހަނިމާދޫ ކުންފުނިތަކަށް މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް ރާވަމުން އަންނަކަން ފިރާގު ވަނީ ފާހަގަ ކޮށްފައެވެ.

މި ނޫހަށް މައުލޫމާތު ދެމުން ފިރާގް ބުނީ ކައުންސިލުން ބޭނުންވީ އޭޓީއެމްއެއްގެ އިތުރުން ބްރާންޗެއް ވެސް ހަނިމާދޫގައި ގާއިމް ކުރަން ކަމަށާއި ނަމަވެސް ގިނަ ބްރާންޗްތަކެއް ގާއިމް ކުރުމަކީ ބޭންކްގެ ވިސްނުން ނޫން ކަމުގައި އެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. ބޭންކުގެ ވިސްނުމަކީ އޮންލައިންކޮށް ގިނަ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ފިރާގު ބުންޏެވެ.

ފިރާގު އިތުރަށް ބުނީ ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލިއިރު ބޭންކިންގެ ހިދުމަތްތަކަށް ވެސް ބިން ކަނޑައަޅާފައިވާނެ ކަމަށާއި، އެމްއައިބީގެ އޭޓީއެމް ވެސް ގާއިމް ކުރާނީ އެ ބިމުގައި ކަމަށެވެ.

Ad
df

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބީއެމްއެލްގެ އޭޓީއެމްއެއްގެ ހިދުމަތް އަންނަނީ ދެމުންނެވެ. ނަމަވެސް އެއީ ހަނިމާދޫގައި މީހުން ދިރިއުޅޭ ހިސާބާއި ދުރު ސަރަހައްދެކަށް ވުމުން އަވަށުތެރޭ ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށް ވެސް ކުރިން ބީއެމްއެލްއާއިއެކު މަޝްވަރާތައް ކުރިއަށް ގެންދެވުނުކަން ފާހަގަ ކުރަމުން ފިރާގު ބުނީ އެކަމުގައި މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށެވެ.