ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުސާރައިން %50 ނުނަގަން ނިންމަވައި، ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކޮށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އެމަނިކުފާނު މިރޭ ޢިއުލާން ކުރަށްވައިފިއެވެ.
އެކްސް މެދުވެރިކޮށް ރައީސް ޢިއުލާންކުރެއްވި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ ކުރިއަށް އޮތް 2 އަހަރުގެ މުއްދަތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަވެއެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި ރައީސްގެ މުސާރައިން %50 ނުނަގާ ގޮތަށް ހަމަޖައްސަން ނިންމަވާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އަޅަން ނިންމި އިތުރު ފިޔަވަޅުތައް:
1.ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުން.
2.ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
3.މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
4.ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން %10 އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
މަތީގައިވާ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާކުރުން.
އައު އަހަރުގެ ބަޖެޓް އެކުލަވާލުމުގެ ފަހުގެ މަސައްކަތްތައް މާލީ ވުޒާރާއިން މިހާރު ކުރަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރު ނިންމާލުމުގެ ކުރިން އެ ބަޖެޓް ފާސްކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!