ހއ.ދިއްދޫ، ދިފައުންޑޭޝަނުން އިސްނަގައިގެން ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޒަމާނީ އައުޓްޑޯ ޕްލޭ ގްރައުންޑެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ބިންގާ މިދިޔަ ބުރާސްފަތި ދުވަހު އަޅާފައި ވަނީ އެ ސްކޫލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

މި ޕްރޮޖެކްޓާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ދިފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް ނަޝްވާން އިބްރާހީމް ބުނީ އެ ސްކޫލުގެ ޕްލޭ ގްރައުންޑްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ތަނަކީ ގިނަވަގުތު އަވި އޮންނަ ވަރަށް ހޫނު ތަނަކަށް ވުމުން ސްކޫލްގެ ޕީއީ ގަޑީގެ ހަރަކާތްތައް އެތަނުގައި އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވޭ ކަމަށެވެ.

ނަޝްވާން އިތުރަށް ބުނީ މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ޕްލޭން ކުރެވިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އެ ސަރަހައްދު ހިޔާކުރުމަށް ބޭނުންވާ ކޮންކްރީޓް ތަނބުތައްޖަހައި ދަގަނޑުން ފްރޭމްހަދައި އަވިނެޓްދަމާ ހިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ 108 ފޫޓް ދިގު އަދި 85 ފޫޓް ފުޅާ ސަރަހައްދެކެވެ. ފުރަތަމަ ފިޔަވަހި ނިންމަން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހަށެވެ.

ދެވަނަ ފިޔަވަހި އަންނަ އަހަރު ކުރުއަށް ގެންދަން ޕްލޭންކޮށްފައިވާއިރު، ދެވަނަ ފިޔަވަހީގައި އެތަނުގައި ޓާފްއަޅައިގެން ފުޓްސަލް ދަނޑެއް ތަރައްގީކުރާނެއެވެ. އެ ދަނޑަކީ ހޭންޑްބޯޅަ އަދި ނެޓްބޯޅަފަދަ ކުޅިވަރުތައް ކުޅެވޭގޮތައް ހަދަން ނިންމާފައިވާ ތަނެކެވެ.

ނަޝްވާން އިތުރަށް ބުނީ އެތަނުގައި ލައިޓްލައި ރޭގަނޑު ބޭނުން ކުރެވޭނޭ ގޮތް ވެސް ހަދާނެ ކަމަށާއި، އޭރުން ރޭގަނޑު އައުޓްޑޯގައި ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ނަޝްވާން އިތުރަށް ބުނީ މި ޕްރޮޖްޓަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި، ބޮޑަށް ބޭނުންވަނީ ތަކެތީގެ އެހީތެރިކަން ކަމަށެވެ. އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 7656766 ނަމްބަރަށް ގުޅުމަށް އެ ފައުންޑޭޝަނުން އެދެއެވެ.