ފަލަސްތީނުގެ ޣައްޒާގެ އުތުރު ސަރަޙައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ހުސްކުރުމަށް އިސްރާއީލުން އަމުރުކޮށްފައިވާއިރު، އެސަރަހައްދުން ނުފައިބާ ތިބި ބަޔަކުނަމަ ބަނޑަށްޖައްސާ މެރުމުގެ ޕްލޭނެއް ނަތަންޔާހޫގެ ކެބިނެޓުން ފާސްކުރަމުން ދާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މިޕްލޭނަކީ ޣައްޒާގެ އުތުރުގައި ތިބި ހަމާސް ހަނގުރާމަވެރިން ބަނޑަށް ޖައްސާލުމަށް ކަމަށްބުނެ އިސްރާއީލުގެ ބަޔަކު ހުށަހަޅާފައިވާ ޕްލޭނެކެވެ. އެޕްލޭން މިހާރުދަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވެސް ދިރާސާކުރަމުންނެވެ. މި ޕްލޭން ތަންފީޒުކޮށްފިނަމަ، ގޭގައި ތިބެން ބޭނުންވާ ނުވަތަ ނުކުމެވެން ނެތް ފަލަސްތީނުގެ އެތައްހާސް ރައްޔިތުން ކާއެއްޗެއްސާއި ފެން ނުލިބި ހާލުގައި ޖެހިދާނެ ކަމަށް ބެލެވެއެވެ.
އިސްރާއީލުން ވަނީ އެއް އަހަރު ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ އުތުރުން ފަލަސްތީނު ރައްޔިތުން ނެރުމަށް ގިނަ އަމުރުތަކެއް ނެރެފައެވެ. އޭގެ އެންމެ ފަހުގެ އަމުރު ނެރުނީ އާދީއްތަ ދުވަހުއެވެ.
އިސްރާއީލުގެ ޕާލިމަންޓަށް ހުށަހެޅި މި ޕްލޭނުގައި ވަނީ ޣައްޒާގެ އުތުރު ތިންބައިކުޅަ އެއްބައި، އޭގެ ތެރޭގައި ޣައްޒާ ސިޓީވެސް ހިމެނޭ ގޮތަށް، ދޫކޮށްލުމަށް ފަލަސްތީނުންނަށް އެއް ހަފްތާގެ މުއްދަތެއް ދިނުމަށްފަހު އެ ސަރަހައްދު ހަނގުރާމައިގެ ސަރަހައްދެއްގެ ގޮތުގައި އިއުލާންކުރުމަށެވެ.
މި ޕްލޭނުގެ ދަށުން އެ ސަރަހައްދުގައި ދެމިތިބޭ މީހުންނަކީ ހަނގުރާމަވެރިންގެ ގޮތުގައި ބަލައި، އެމީހުން މެރުމަކީ ހުއްދަ ކަމެއްގެ ގޮތުގައި ބެލުމަށް ހުށަހަޅާފައިވެއެވެ. އަދި އެމީހުންނަށް ކާބޯތަކެއްޗާއި، ފެނާއި، ބޭހާއި އަދި ތެޔޮ ފޯރުކޮށްދިނުން ހުއްޓާލުމަށްވެސް ހުށަހަޅާފައިވެއެވެ.
މި ޕްލޭނުގެ މައިގަނޑު އެއް މަޤްޞަދަކީ އުތުރުގައި ތިބި ހަމާސްގެ ބާރު ނައްތާލުމާއި، ހަމާސްގެ ބާރުގެ ދަށުގައި ތިބި ރަހީނުން ދޫކޮށްލުމަށް ބާރު ފޯރުވުން އިސްރާއީލުގެ އޮފިޝަލުން ބުނެއެވެ. އަދި އުތުރުގައި ހަމާސް ނެތި އާ އިދާރާއެއް އުފެއްދުމަށްޓަކައި އިސްރާއީލުން އެ ސަރަހައްދު ވަކި މުއްދަތެއް ނެތި ކޮންޓްރޯލް ކުރުމަށްވެސް ހުށަހަޅާފައިވެއެވެ.
ނަމަވެސް މި ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް އަދި ނަތަންޔާހޫގެ ސަރުކާރުން ނިންމާފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!