ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން މެދުއިރުމަތީގެ ހާލަތާމެދު ހުކުރު ދުވަހު ފޯނުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާގައި އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކާއި ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ.
ސަޢޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން ބުނާ ގޮތުގައި، މި ދެ ލީޑަރުން ވަނީ ސަރަހައްދުގެ ހަމަނުޖެހުން ކުޑަކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ މެދުވެސް މަޝްވަރާކޮށްފައެވެ.
އޭގެ ކުރިން އެދުވަހު، ސައިޕްރަސްގައި ބޭއްވުނު ޔޫރަޕާއި މެޑިޓަރޭނިއަން ގައުމުތަކުގެ ސަމިޓެއްގައި ވާހަކަދައްކަވަމުން ރައީސް މެކްރޯން ވިދާޅުވީ، ޣައްޒާ އާއި ލުބުނާނުގައި ބޭނުންކުރާ ހަތިޔާރުތައް އެކްސްޕޯޓް ކުރުން ހުއްޓާލުމަކީ މި ހަނގުރާމަ ނިންމުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މީގެއިތުރުން، ލުބުނާނުގައި ތިބި އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް އިޒްރޭލުން ގަސްދުގައި އަމާޒުކޮށް ހަމަލާ ދިނުމަކީ "އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށް މެކްރޯން ވިދާޅުވިއެވެ.
މެކްރޯން އިތުރަށް ބާރުއަޅުއްވާފައިވަނީ، މި ހިސާބުގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ހަތިޔާރު އެކްސްޕޯޓް ކުރުން ހުއްޓާލުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!