ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަން މިއަދު އިފްތިތާހްކޮށްފިއެވެ.
އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާ އަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ކާޑު ތައާރަފްކުރުމަށްފަހު އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ.
އެ ކާޑު ރާއްޖޭގައި ތައާރަފްކުރިތާ އިރުކޮޅެއްތެރޭ، ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައި ވާކަމަން ވަނީ ޢިއުލާންކޮށްފައެވެ.
#Delhi | RuPay card payments introduced in #Maldives. Prime Minister #NarendraModi and Maldives President #MohamedMuizzu witness the first such transaction. pic.twitter.com/7w1lPnHAy7
— The Times Of India (@timesofindia) October 7, 2024
ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ. ރުޕޭއަކީ މިހާރު ދުނިޔޭގައި 300 މިލިއަނަށްވުރެ ގިނަމީހުން ބޭނުންކުރަމުންދާ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމެންޓް ނެޓްވޯކެވެ. މި ޚިދުމަތް ސިންގަޕޫރާއި ޔޫއޭއީ ފަދަ ގައުމުތަކާ އެކު ޖުމްލަ 185 ގައުމެއްގައި ބޭނުން ކުރެ އެވެ.
މި ޚިދުމަތް ތަޢާރަފްކުރުމާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރުޕޭ ކާޑުގެ ޚިދުމަތަކީ ޒަމާނީ ފައިސާގެ ނިޒާމުތަކާއި ޕޭމެންޓް ވޮލެޓްތަކުގެ އިތުރުން ޑިޖިޓަލް ފައިނޭންސް ސިސްޓަމްތައް ރާއްޖެއަށް ގެނައުމާއި ތައާރަފުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތުގެ ތެރެއިން މަސަައްކަތެއް ކަމަށެވެ.
އިންޑިއާއަކީ ރާއްޖޭގެ ވިޔަފާރީގައި މުހިންމު ބައިވެރިއަކަށް ވުމުން މި ކާޑުގެ ޚިދުމަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި ކުރެވޭ މާލީ މުއާމަލާތުތައް ފަސޭހަކުރެވި ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވެގެން ދާނެކަމަށާއި، ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އިންޑިއާޔާއެކު މަސައްކަތްކުރުމަށް ލުއިތަކެއް ލިބިގެންދާނެ ކަން އެ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!