ށ.އަތޮޅުގެ ހަތަރު ރަށެއްގައި ކުނި މެނޭޖްކުރުމަށް އެ އަތޮޅު ކައުންސިލުން، ލައްކައިގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.
ފާއިތުވި އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ށ.އަތޮޅު ކައުންސިލްގެ ބަޖެޓްގައި ހިމަނައިގެން އަތޮޅުގެ ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގައި ކުނި މެނޭޖެކުރުން ހަރުދަނާކުރުމަށް އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ.
މިގޮތިތަށް ހުޅުވާލި ފުރުސަތުގެ ދަށުން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހެޅި ހަތަރު ރަށަށް، ކޮންމެ ރަށަކަށް 100000 (އެއްލައްކަ) ރުފިޔާގެ މަގުން ފައިސާ ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
އެ ގޮތުން މި އަހަރު އެހީދިނުމަށް ނިންމާފައިވާ ރަށްތަކަކީ ބިލެތްފަހި ކައުންސިލް، މާއުނގޫދޫ ކައުންސިލް، ނަރުދޫ ކައުންސިލްގެ އިތުރުން ނޫމަރާ ކައުންސިލެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ބުނީ އަތޮޅުގެ ރަށްތަކުގެ ތިމާވެށި ރައްކާތެރިކޮށް ކުނީގެ މައްސަލަ ހައްލުކުރުމަކީ އަތޮޅު ކައުންސިލްގެ އަމާޒެއްކަމަށާއި، މިގޮތުން މިދިޔަ އަހަރު ވެސް ތިން ކައުންސިލަކަށް ކުނި މެނޭޖް ކުރުމަށް ފަންޑް ދީފައިވާނެ ކަމަށެވެ.
ޝިޔާމް އިތުރަށް ބުނީ މި އަހަރު ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލީ ފާއިތުވި އަހަރު އެހީދިން ތިން ކައުންސިލްތައް ފިޔަވައި ދެން ހިމެނޭ ރަށްތަކުގެ ކައުންސިލުތަކަށް ކަމަށެވެ.
ށ.އަތޮޅު ކައުންސިލަކީ، އަތޮޅުގެ ރަށްތައް ކުރިއެރުވުމަށް ކައުންސިލްތަކާއި ގުޅިގެން ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ކައުންސިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!