އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން އެތަނުގައި ތިބި ރާއްޖޭގެ ވަފުދު އެ ސެޝަން ދޫކޮށް އެތަނުން ނުކުމެއްޖެއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެފައިވާ ކަމަށެވެ.

Ad
rt

ރާއްޖޭގެ ވަފުދު އެ މަލާމުން ނުކުތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަލަޞްޠީނާމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި، ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތްޕުޅަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުންކަމަށް އިސް ތަރުޖަމާނު ވިދާޅުވެފަވެއެވެ.

‏''ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައި.'' ހީނާ ވިދާޅުވިއެވެ.

ފަލަސްތީނާއެކު ރާއްޖެ އޮންނާނެ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބާރުލުންދޭންޖެހޭ: ރައީސް

ހީނާ ވަނީ ‏އދ.ގެ އާންމު މަޖިލީހުގައި ރައީސް މުޢިއްޒު ކުރެއްވި ތަޤްރީރުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައިވާކަން ވަނީ ފާހަގަކުރަށްވާފައެވެ.

މީގެ އިތުރުން ޤާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް، ރައީސް ގޮވާލެއްވިކަން ވެސް ހީނާ ވަނީ ފާހަގަކުރަށްވާފައެވެ.

ރާއްޖޭގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ޑިޕްލޮމެޓުން ވެސް ވަނީ އެ މާލަމުން ނުކުމެފައެވެ.