އިމާދުއްދީން ސްކޫލްގެ ސްކައުޓުން އިސްނަގައިގެން މާލޭގެ މިސްކިތްތަކުގެ ވުޟޫކުރާ ސަރަހައްދުތަކުގައި ފެން އިސްރާފު ނުކުރުމަށް އިރުޝާދުދޭ ބޯޑު ހަރުކުރުމުގެ މަޝްރޫޢުއެއް މިއަދު އިފްތިތާޙްކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ އިމާދުއްދީންގެ ސްކައުޓުން އެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކައުންސިލާއި ގުޅިގެން ކަމަށެވެ.
އިމާދުއްދީން ސްކޫލްގައި މިއަދު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާހްކޮށްދެއްވީ، މޭޔަރު އާދަމް އާޒިމް އެވެ. މި ރަސްމިއްޔާތުގައި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހްއާއި އެ ސްކޫލްގެ ސްކައުޓުންނާއި އިސްވެރިން ބައިވެރިވިއެވެ.
މި މަޝްރޫޢުއާއިގުޅޭ ގޮތުން މޭޔަރު އާޒިމް ވިދާޅުވީ، މިކަމަކީ މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، މިސްކިތްތަކުގެ ފާހާނާތައް ރަނގަޅު ފެންވަރަކަށް ހެދުމަށް، މާލެ ސިޓީ ކައުންސިލުން ފަށައިގެން ކުރިޔަށް ގެންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމުގެ ގޮތުން، ޢިމާދުއްދީން ސްކޫލުގެ ސްކައުޓުން އިސްނަގައިގެން ފެށި މަސައްކަތެއް ކަމަށެވެ.
އިމާދުއްދީން ސްކޫލްގެ ސްކައުޓުން އިސްނަގައިގެން ކައުންސިލާއި ގުޅިގެން މާލޭގެ މިސްކިތްތަކުގެ ވުޟޫ ކުރާ ސަރަހައްދުތަކުގައި ފެން އިސްރާފުނުކުރުމަށް އަންގާ ބޯޑުތައް ހަރުކުރުމުގެ ޕްރެޖެކްޓް އިފްތިތާހު ކުރުން @imaduddinschool pic.twitter.com/zY3adP3Le4
— Malé City Council (@MaleCitymv) September 26, 2024
މިގޮތުން އެ ސްކޫލްގެ ސްކައުޓުން އިސްނަގައިގެން މާލޭގެ މިސްކިތްތަކުގެ ވުޟޫކުރާ ސަރަހައްދުގައި، ފެން އިސްރާފު ނުކުރުމަށް ބާރުއަޅައި އިރުޝާދު ދޭ ބޯޑްތައް ހަރުކުރުމުގެ މަޝްރޫޢު އިފުތިތާޙު ކުރެވުނުކަން އުފަލާއެކު ފާހަގަކުރަށްވާކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމަށްފަހު މޭޔަރު ވަނީ އެ ސްކޫލްގެ ދޮރުމަތީގައި ޕާކުކުރުން ހުއްޓުވައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ސްކޫލަށް ފަސޭހައިން ވަދެނުކުމެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސިޓީ ކައުންސިލަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުން އިމާދުއްދީން ސްކޫލްގެ މެނޭޖްމަންޓާއި މަޝްވަރާ ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!