ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ އެ ރަށްޔިތުންނާއެކު ސާބިތުވެ އޮންނާނެކަމަށް ދިވެހި ސަރުކާރުން ދެމުން އަންނަ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއ އަނެއްކާވެސް ތަކުރާރު ކުރަށްވައިފިއެވެ.
އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިވަގުތު ހުންނެވީ އެމެރިކާގައެވެ. މި ދަތުރުފުޅުގެ ތެރެއިން އެ ސެޝަންގެ ހަވާސާގައި ރައީސް ގެންދަވަނީ ބައިނަލްއަޤްވާމީ އެކި ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރަށްވަމުންނެވެ.
މިގޮތުން ރައީސް ވަނީ ފަލަސްޠީނުގެ ރައީސް، ޑޮކްޓަރ މަޙްމޫދު ޢައްބާޞްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލަށްވައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ޙާލަތު ބަދަލުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވެފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވައިލައްވަނީ ''އަޅުގަނޑުމެންނަކީ ވެސް އިންސާނުންނަށް ވީތީ'' ކަމަށެވެ. އެކަމުގައި ބައިނަލްއަގްވާމީ މުޖުތަމައުން އެއްބާރުލުން ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެއިން އަބަދުވެސް ބުނަމުން ދަނީ ރާއްޖެ އޮންނާނީ ފަލަސްތީނާ އެކުގައި ކަމަށާއި، ރާއްޖެއަށް އޮތް ހުރިހާ ގޮތަކުން އެ ޤައުމަށް މަދުވެރިވާނެކަމަށް ބުނަމުންނެވެ. މި ބުނުން ރައީސް މުޢިއްޒު ވަނީ މި ބައްދަލުވުމުގައި ވެސް ތަކުރާރުކުރަށްވައި، ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި ފަލަސްޠީނުގެ ރައީސް، މަޙްމޫދު ޢައްބާޞް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ކުރައްވާ ތާއީދު ދެނެވަޑައިގަންނަވާކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!