މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް 18 ރަށަކަށް އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 އަށް އިއްޔެ ހަވާލުކޮށްފިއެވެ.

ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ މިއީ ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ހަވާލުކުރެވުނު ތަކެތި ކަމަށެވެ.

Ad
rt

މި ތަކެއްޗަކީ އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ހަވާލުކުރެވުނު ތަކެއްޗެވެ.

މިގޮތުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ހަވާލުކޮށްފައި ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށެވެ. އަދި ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާއި ހަވާލުކޮށްފައެވެ.

މިތަކެތި އެރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރުމަށް އިއްޔެ ވަނީ ހާއްސަ ރަސްމިއްްޔާތެއް ބާއްވާފައެވެ. ސާފުރާއްޖެ ބިލްޑިންގް ގެ ސެމިނަރ ރޫމްގައި ބޭއްވި މި ރަސްމިއްޔާތުގައި މިތަކެތި އެރަށްތަކާއި ހަވާލުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤް އިބްރާހިމްއެވެ.

މި ވަސީލަތްތަކަކީ ކުނި މެނޭޖްކުރުމުގެ ޤާނޫން އަދި މަގޭސާފުރާއްޖެ ސިޔާސަތާއި ސްޓްރެޖީތަކާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޒަމާނީ ފެންވަރަކަށް ކުނިމެނޭޖްކުރުމުގެ ވަކި މިންގަޑަކަށް ފެއްތުމުގެ ދަށުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު ވަސީލަތްތަކެއްކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.