ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ 58 އަހަރުގެ ރަޔަން ވެސްލީ ރައުތްއާ ގުޅޭ އިތުރު މަޢުލޫމާތު ހާމަވެއްޖެއެވެ.

ރައުތްއަކީ ނޯތު ކެރޮލައިނާގެ މީހެއް ކަމަށްވާއިރު، އޭނާ އެންމެ ފަހުން ދިރިއުޅެމުން އައީ ހަވާއީގައެވެ. 2016 ވަނަ އަހަރު ޓްރަމްޕަށް ވޯޓުދިން ނަމަވެސް، ފަހުން ޓްރަމްޕާ ދެކޮޅަށް ބަދަލުވެފައިވާކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ދައްކައެވެ.

Ad
rt

ރައުތްއަކީ ޔުކްރެއިންއަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ޔުކްރެއިންގެ ހަނގުރާމައިގައި ބައިވެރިވާން އުޅުނު ނަމަވެސް، ހަނގުރާމައިގެ ތަޖުރިބާ ނެތުމުގެ ސަބަބުން އެ ފުރުޞަތު ލިބިފައެއް ނުވެއެވެ. އޭނާގެ ސޯޝަލް މީޑިއާ ޕްރޮފައިލްތަކުގައި ފަލަސްތީނަށް ތާއީދުކުރާ އަދި ޗައިނާއާ ދެކޮޅު މެސެޖުތައް ވެސް ހިމެނެއެވެ.

މި މަހުގެ 15 ވަނަ ދުވަހު ފްލޮރިޑާގައި ހުރި ޓްރަމްޕް އިންޓަރނޭޝަނަލް ގޯލްފް ކޯހަށް ހަތިޔާރަކާއެކު ވަދެ، ހަމަލާދޭން އުޅުނު ކަމަށް ބެލެވެއެވެ. އެފްބީއައި އިން ބުނާ ގޮތުގައި ހާދިސާ ހިނގި ސަރަހައްދުން އެސްކޭއެސް ސްޓައިލްގެ ރައިފަލްއަކާއި، ދެ ބެކްޕެކާއި، ގޯޕްރޯ ކެމެރާއެއް ހޯދާފައިވެއެވެ.

ރައުތްގެ ކުށުގެ ރެކޯޑުގައި 1990 ގެ އަހަރުތަކުން ފެށިގެން އެކި ބާވަތުގެ ކުށްތައް ހިމެނޭކަން ފާހަގަކުރެވެއެވެ. 2002 ވަނަ އަހަރު އޭނާ ވަނީ "މަސް ޑިސްޓްރަކްޝަން ވެޕަން" އެއްގެ ގޮތުގައި ބެލެވޭ ފުލީ އޮޓޮމެޓިކް މެޝިން ގަނެއް ގެންގުޅުމުގެ ކުށުން ޝަރީޢަތުން ކުށްވެރިވެފައެވެ.

މިހާރު ރައުތް ވަނީ ހަތިޔާރާ ގުޅުންހުރި ދަޢުވާތަކެއް ކުރިމަތިކޮށް، ޕާމް ބީޗް ކައުންޓީ ކޯޓަށް ހާޒިރުކޮށްފައެވެ. އެފްބީއައި އިން ބުނާ ގޮތުގައި މިއީ ޓްރަމްޕަށް ހަމަލާދޭން އުޅުނު މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާ ހާދިސާއެކެވެ.