ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ފައިހާއާއި އަލް ނަސްރު ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު އަލް ނަސްރުން ކާމިޔާބު ކޮށްފިއެވެ.
ރޭ ކިންގް އަބްދުﷲ ސްޕޯޓް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އަލް ނަސްރުން ފައިހާގެ މައްޗަށް ކުރި ހޯދީ 4-1 ގެ ނަތީޖާއިންނެވެ.
މިއީ ލީގުގައި އަލް ނަސްރު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އައް ރިއާދާއި އަލް ނަސްރު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ރޭ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު، ދެ މެޗުން ޖުމްލަ ހަތަރު ޕޮއިންޓް ހޯދައިގެން އަލް ނަސްރު މިވަގުތު އޮތީ ތާވަލުގެ ދެވަނާގައެވެ.
ރޭ މެޗުގެ ފަސްވަނަ މިނެޓުގައި ޓަލިސްކާ ވަނީ ލަނޑުޖަހައި އަލް ނަސްރަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ރޮނާލްޑޯގެ އެހީތެރިކަމާއި އެކުއެވެ.
އަލް ނަސްރުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ޖެހީ ރޮނާލްޑޯއެވެ. މިއީ މި ސީޒަންގައި ރޮނާލްޑޯ ޖެހި ދެވަނަ ލަނޑެވެ. ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ ލަނޑު ޖަހާފައެވެ.
އަލް ނަސްރުގެ ތިންވަނަ ލަނޑު 85 ވަނަ މިނެޓުގައި މާނޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ބްރޮޒޮވިޗެވެ. އަލް ފައިހާގެ ހަމައެކަނި ލަނޑު 86 ވަނަ މިނެޓުގައި ޖަހައިދިނީ ސަކަލާއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭ ޓަލިސްކާ ވަނީ ނަސްރަށް ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.
ފައިހާ އިން އަލް ނަސްރާއި ދެކޮޅަށް އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް މޮޅެއް ހޯދިފައި ނުވެއެވެ. އަށް މެޗުން ބަލިވިއިރު ތިން މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!