މި އަހަރުގެ ގައުމީ ދުވަސް އަތޮޅު ފެންވަވަރުގައި ފާހަގަކުރަން ނިންމައި، އެކަމުގެ ތައްޔާރީތައް ށ.އަތޮޅު ކައުންސިލުން ވާން ފަށައިފިއެވެ.

މި މަހުގެ ހަތްވަނަ ދުވަހު އަތޮޅު ކައުންސިލްގެ ފަރާތުން ގައުމީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އެ އަތޮޅު މާއުނގޫދޫގައެވެ. މާއުނގޫދޫގައި މި ހަރަކާތް ކުރިއަށް ގެންދަނީ އެކަމަށްޓަކައި އަތޮޅުގެ ރައްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާ ރަށަކީ އެއީ ކަމުގައިވާތީއެވެ.

Ad
rt

ގައުމީ ދުވަސް ފާހަގަ ކުރަން ވަމުންދާ ތައްޔާރީތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ށ އަތޮޅު ކައުންސިލުން ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އަތޮޅު ކައުންސިލުން ވަނީ ވަޒީރަށް ދައުވަތު ވެސް އަރުވާފައެވެ. އެ ޖަލްސާގައި ވަޒީރުގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކެއް ބައިވެރިވާނެ ކަމުގައި އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު މާއުނގޫދޫގައި ދުވަހުގެ ހާއްސަ ޖައްލާ ބޭއްވުމުގެ އިތުރުން ސަގާފީ ކުޅިވަރުތަކާއި، ދިވެހި ކެއުން ހިމެނޭ ޖާފަތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ގައުމީ ދުވަހަކީ އަންނަ ސެޕްޓެމްބަރ މަހުގެ 4 ވަނަ ދުވަހެވެ. އެ ދުވަހުޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާލޭގައި ބޭއްވުމަށް ނިންމާފައިވުމުގެ އިތުރުން އުތީމުގައި ވެސް އެ ދުވަހު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާތީ، ފުށުއެރުންތަކުން ސަލާމަތްވުމުގެ ގޮތުން ށ.އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅުގެ ހަރަކާތްތައް ހަތްވަނަ ދުވަހު ކުރިއަށް ގެންދިޔުމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލްމަހުގެ 1ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމެވެ.