ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގައި ޕްލާސްޓިކް ސާޖަރީގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ.

މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގެ ހޮސްޕިޓަލެއްގައި މި ޚިދުމަތްފެށި ފުރަތަމަ ފަހަރެވެ.

Ad
rt

ކޭއާރުއެޗުން ބުނިގޮތުގައި އެ ހޮސްޕިޓަލްގެ ފުނަ ވިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިއްޔެ ފައްޓަވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބުދުއްރައްޒާޤް ޙަލީމް އާއި އެ ހޮސްޕިޓަލްގެ ސީއީއޯ ނާޒިމާ ޢަލީ ކަމަށެވެ.

މި ރަސްމިއްޔާތުގައި ކޭއާރުއެޗުއާއި އައިޖީއެމްއެޗްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

ކޭއާރުއެޗުގައި ޕްލާސްޓިކް ސާޖަރީގެ ޚިދުމަތް ކުރިއަށްގެންދާނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުގައެވެ. މި ޚިދުމަތް އެ ހޮސްޕިޓަލްގައި ފެށުމާއެކު އަލިފާނުގެ ޙާދިސާތަކުގައި ސިފަ ގެއްލޭވަރަށް ފިހުމާއި އެނޫންވެސް އަނިޔާތަކުގައި ލިބޭ ހާނިއްކައިގެ ސަބަބުން ނުފިލާ ހުންނަ ލަކުނުތަކާއި ފާރުގަނޑުތައް ރަނގަޅުކުރުމުގެ ފަރުވާ އެހޮސްޕިޓަލުން ލިބޭނެއެވެ.

އުތުރުގެ މައި ހޮސްލިޓަލް، ކޭއާރުއެޗުގައި މީގެ ކުރީން ވެސް ވަނީ ގިނަ ޚިދުމަތްތަކެއް ތަޢާރުފްކޮށްފައެވެ. މިގޮތުން ކެންސަރު ބަލި ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ދެވޭ ހާއްސަ ފަރުވާއެއް ކަމަށްވާ ކިމޯ ތެރަޕީ ގެ ހިދުމަތް އެ ހޮސްޕިޓަލުން މިދިޔަ އަހަރުގެ ޖުލައިމަހު ފަށާފައިވާއިރު، އެ ހޮސްޕިޓަލުން ނުފަޅާ ކުރާ ސާޖަރީ (ލެޕަރޮސްކޯޕިކް ސާރޖަރީ-ކީހޯލް އޮޕަރަޝަން)ގެ ޚިދުމަތާއި، އެމް.އާރު.އައި، މެމޮގްރަފީ، ސީޓީ ސްކޭން އަދި ޑައިގްނޯސްޓިކްގެ ގިނަ ހިދުމަތްތަކެއް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.