ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާފުކޮށް ދެއްކެވި ވާހަކަތައް ދޮގުކޮށް ފިތުނަ އުފައްދަންކަމަށާއި، އެއީ ބޮޑާކަމާއި ކިބިރުވެރިކަމުން އަރާ ތިބި ބައެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގޭގައި ރޭ އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވުން ސަލީމް ވިދާޅުވީ، ފެންނަ މަންޒަރުތަކަށް ބަލާއިރު ބައެއް ބޭފުޅުންގެ ވިސްނުން ހުރީ ސީދާ ރައީސް ޑރ. މުއިއްޒު ސާފުކޮށް ދެންނެވި ވާހަކަތައް ވެސް ދޮގު ކުރުމަށް ކަމަށެވެ.

Ad
rt

އެފަދަ ވާހަކަތައް ފެތުރުމުގައި އިންތިހާއަށް ފިތުނަ އުފެދޭ މޭރުމަކުން އަމަލު ކުރަމުންދާކަމަށް ވިދާޅުވެ ސަލީމް ވަނީ، ސަރުކާރުން އާސަންދަ ކަނޑާލާނެކަމަށް، ނުވަތަ ދޭ އެހެން ހިދުމަތެއް މަޑުޖައްސާލާނެކަމަށް ބުނަނީ ކޮން އަސާސެއްގެ މައްޗަށް ތޯ ސަލީމް ސުވާލު ކުރައްވާފައެވެ.

ސަލީމް ވިދާޅުވީ، ގިނަ ފަހަރަށް އެފަދަ ވާހަކަތައް ގެންނަ ބަޔަކީ އެއީ ބޮޑާކަމާއި ކިބިރުވެރިކަމުން އަރާ ތިބި ބައެއް ކަމަށެވެ. އަދި އެ މީހުންނަށް ހީވާ ގޮތުން، އެ ނޫން މޮޅު ބައެއް ނުތިބޭނެކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެ މީހެއްގެ ބޮޑާކަމާއި ކިބުރުވެރިކަމަކީ އެކަންކަމަށް ފަރުވާއެއް ހޯދިފައިނުވާ ބަލިތަކެއް ކަމަށެވެ.

''ތިމާއަށް ވުރެ މޮޅު މީހަކު ނެތްކަމަށް ހީވުމާ، މާ މޮޅު މީހަކަށް ހެދިގެން ތިމާ އުޅުމާއި ހަސަދަވެރިކަމާއި ނަފްރަތުގެ ބޮޑުކަން، މިއިން އެއްވެސް ކަމަކަށް ފަރުވާއެއް ނެތް، މި ދުނިޔެ ނިމުމާއި ހަމައަށް ވެސް ފަރުވާއެއް ނެތް'' ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކާގައި ގައުމުގެ މާލީ ހާލަތާއި ގުޅުވައިގެން އިދިކޮޅު އެމްޑީޕީން ދައްކަމުންގެންދާ ވާހަކަތަކަށް ވެސް ވަނީ ރައްދު ދެއްވާފައެވެ.