ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ކުރައްވައިފިއެވެ.
ގަވަރުނަރުކަމަށް އައްޔަނުކުރެއްވިކަމުގެ ލިޔުން، މުނައްވަރަށް ރައީސް މުޢިއްޒު ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ގަވަރުނަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން 22 ޖުލައި 2024 ވަނަ ދުވަހާއި ހަމައަށް އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އެ މަގާމަށް ޢައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވިކަން ސަރުކާރުން ޢިއުލާން ކުރީ 22 ޖުލައި 2024 ގައެވެ.
މުުނައްވަރު އެ މަޤާމަށް ޢައްޔަނުކުރެއްވުމަށް ނިންމެވިކަން ސަރުކާރުން ޢިއުލާންކުރީ، އޭރު ގަވަރުނަރުކަމުގައި ހުންނެވި ޢަލީ ހާޝިމް އެދުވަހު މަޤާމުން ވަކިކުރިފަހުންނެވެ. ޢަލީ ހާޝިމް ވަކިކުރީ ރައްޔިތުންގެ މަޖިލީހުން އެގޮތައް މަޝްވަރާދިނުމުންނެވެ.
ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސް މުޢިއްޒަށް ލަފާއަރުވަން މަޖިލީހުން 22 ޖުލައި 2024 ގައި ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ.
ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދިނީ އިއްޔެއެވެ. އެގޮތަށް ފާސްކުރީ 78 މެންބަރުންގެ ވޯޓުންނެވެ. އެ ވޯޓުގައި ނުފެންނަކަމަށް އަދި ވަކިކޮޅެއް ނުނަންގަވާ މެންބަރަކު ވެސް ނެތެވެ.
އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!