މާލޭގެ ގެއަކަށް މީހަކު ވައްދައި، ބަރަހަނާކޮށް ބިރުދައްކައި އެކައުންޓުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައި 43 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައިގައި މީގެކުރިން 26 އަހަރާއި 35 އަހަރުގެ ދެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކުރެވުނެވެ. ކްރިމިނަލް ކޯޓުން ވަނީ 26 އަހަރުގެ މީހާގެ ބަންދަށް 60 ދުވަހާއި، 35 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައެވެ. އަދި މިއަދު ހައްޔަރުކުރެވުނު 43 އަހަރުގެ އަންހެން މީހާ ތަޙުޤީޤު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި މއ. މަސްފަންގެއަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން ވައްދައި، ބިރުދެއްކުމުގެ ރެކޯޑު އޮތް ތަނެކެވެ. ފުލުހުން ކޯޓުގައި ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އަނިޔާ ލިބުނު ފަރާތް މަސްފަންގެއަށް ވެއްދީ އަންހެނެއް ކަމަށް ބެލެވެއެވެ. އެ ގެއަށް ވަނުމާއެކު، ދެ ފިރިހެނަކު އޭނާ ހިފަހައްޓައި، ވަޅިއެއް ދައްކައި ބިރުދެއްކުމަށްފަހު ބަރަހަނާކޮށް، ފޯނު އަތުލިކަމަށް ވެސް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އަނިޔާ ލިބުނު ފަރާތުގެ އެކައުންޓުން އެހެން އެކައުންޓަކަށް 20,000 ރުފިޔާ ފޮނުވައި، އަދި އޭނާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމްއިން 25,000 ރުފިޔާ ނަގާފައިވާކަން ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި ފޭރުމުގެ މިފަދަ މައްސަލަތައް ދަނީ ގިނަވަމުންނެވެ. އެގޮތުން ހިޔާ ފްލެޓުގައި މީހުންނަށް ބިރުދައްކައި، ފޭރޭ މައްސަލަ އެއްވެސް ފެންމަތިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!