ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެ އެވެ.
ހއ. އިހަވަންދޫ އަށް ނިސްބަތްވާ ހާމިދު ޝަފީއު އަކީ ކުރީގެ ރައީސް، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުކަމުގެ މަގާމް ފުރުއްވާފައިވާ، އެ ސަރުކާރުގައި އައިޓީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި، އެ ދާއިރާގެ ތަޖުރިބާ ކާރެކެވެ.
ހާމިދު ޝަފީއު ނިޔާވުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޝިފާޢު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާމިދު ޝަފީޢު އަކީ އެކީގަގިނަ މަސައްކަތްތަކެއްކުރެވުނު އިޚުލާސްތެރި ހިތެއްގެ ވެރިޔެއް ކަމަށެވެ. އަދި ހާމިދުގެ ފަރާތުން ކޮއްމެ މަސައްކަތެއްގައި ވެސް ރިވެތިއަޚުލާގާއި ކެތްތެރިކަމާއި މަޑުމާތެރިކަމުގެ ރީތިސިފަ ފެނިގެންދިޔަ ކަމަށެވެ.
''ހާއްސަކޮށް ކޮވިޑުގެއާލަމީ ބޮޑުވަބާގައި ފަރުދާގެ ފުރަގަހުން ދިވެހިރައްޔިތުންނަށް ފަހިކޮއްދިން ލުއިފަސޭހަތަށް ފާހަގަކޮއްލެވޭ.'' ޝިފާޢު ވިދާޅުވެފަވެއެވެ.
ހާމިދުގެ ވަކިވުމާއި ގުޅިގެން ކުރީގެ ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާމިދު ޝަފީއުއަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަން ފަވާލެވޭ ބޭފުޅެއް ކަމަށާއި، ގައުމާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ބޭފުޅެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހާމިދު ނިޔާވީ ރާއްޖޭން ބޭރުގައި ބައްޔަކަށް ކުރެއްވި އޮޕަރޭޝަނަކަށްފަހު އެވެ.
ހާމިދުއަކީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު އާއި ކުރީގެ ވަޒީރު އަދި މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް ވަޒީރު ޑރ. އަހުމަދު ޝަފީއު އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް މުހައްމަދު ޝަފީއުގެ ކޮއްކޮ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!