ދިވެހި ތަޢުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުން ތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް ފަށަން ތައްޔާރުވެފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް 9 މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމުގައެވެ.
މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި ވޭތުވެދިޔަ ދުވަސްތަކުގައި އަލަށް އިތުރު 23 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އެކިރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ދަރިވަރުން އެމަނިކުފާނުގެ ކިބައިން އެންމެބޮޑަށް އެދުނު އެއްކަމަކީ ސްކޫލްތައް އޭސީކޮށްދިނުމަށް ކަމަށާއި، އެހެންވެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫޢުވެސް މިހާރު ފަށާފައިވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ޤައުމިއްޔަތު ދިރުވާ އާލާކުރުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވަޢުދުކަން ފާހަގަކުރައްވައި މިހާރު ކީ ސްޓޭޖް 1 އަދި ކީ ސްޓޭޖް 2 ގައި މާއްދާއެއްގެ ގޮތުގައި ޤައުމިއްޔަތު ކިޔަވައިދޭން ފަށާފައިވުމާއި ސްކޫލް އެސެމްބްލީގައި މިހާރު ޤައުމީ ސަލާން ކިޔަމުން ދާކަން ރައީސް މުޢިއްޒު ވަނީ ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!