ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024" ފުޓްބޯޅަ މުބާރާތް އަންނަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.
މި އަހަރުގެ މުބާރާތުގައި އަށް ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކުގެ ތެރޭގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި، އެންމެ ފަހުގެ ރަނަރަޕް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ހިމެނެއެވެ. މީގެއިތުރުން ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ކުޅުދުއްފުށީގައި ހިންގާ މާއްޓޭ އެކަޑަމީގެ ޓީމެއް ހިމެނެއެވެ. މި މުބާރާތުގައި އަލަށް ވާދަކުރާ ޓީމްތަކުގެ ތެރޭގައި ނޭކުރެންދޫ ކްލަބް ސެނޮން، ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސް، މަންތާ ސްޕޯޓްސް އެކަޑަމީގެ އިތުރުން ނޮޅިވަރަމް ކްލަބް ތިލަދުންމަތި ހިމެނެއެވެ.
މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މި މުބާރާތް ފުރަތަމަ ބާއްވާފައި ވަނީ ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަކަށް އަމާޒު ކޮށްގެން 2022 ވަނަ އަހަރުއެވެ. އެ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ. 2023 ވަނަ އަހަރު މި މުބާރާތުގެ ދެވަނަ އެޑިޝަން ބާއްވާފައިވާއިރު، އެ މުބާރާތުގައި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ ކުލަބް ޖަމިއްޔާތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 60000 (ފަސްދޮޅަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ.
މި އަހަރު މުބާރާތުގެ ފައިސާގެ އިނާމް ވަނީ ފާއިތުވި ދެ މުބާރާތަށްވުރެ ބޮޑުކޮށްފައެވެ. މި އަހަރު ޗެމްޕިއަން ޓީމަށް 75000 (ހަތްދިހަފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައަޅާފައިވާއިރު، ރަނަރަޕް ޓީމަށް 20000 (ވިހިހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!