ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބޭއްވި "ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024" ގެ ޗެމްޕިއަންކަން ވިނާސް ޓީމުން ހޯދައިފިއެވެ.
އިއްޔެ ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވިނާސްއާއި ޓީމް ކަމަނަ އެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށްފަހު 3 ސެޓް 2 ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތް ކާމިޔާބުކުރީ ވިނާސްއެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ ( 25/19، 25/23، 10/25، 17/25، 15/7) އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވިނާސް ޓީމްގެ މަރިޔަމް ރިކްޝާއެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ (ކްއީން އޮފް ދި ޓޯނަމަންޓް) އަށް ވެސް ހޮވިފައިވަނީ އޭނާއެވެ.
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން
- ހައްވާ ޒާހިރާ – ވިނާސް
- މަރޔަމް ޝިފްޒާ – ކަމަނަ
- ހައްވާ ނާޒްމީން – ވިނާސް
- މަރިޔަމް ރިކްޝާ – ވިނާސް
- ހަލީމަތު އިނާޝާ – ކަމަނަ
- މަރިޔަމް މައިމޫނާ – ސްޓްރައިކާސް
މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމާއި ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.
ރޮލިގަންސްއަކީ ފީވަކުގައި އިޖުތިމާއީ ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތަރައްގީއަށް މަސައްކަތް ކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހު ރަޖިސްޓަރީ ކޮށްފައިވާ ކްލަބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!