ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފުޓްސަލް ބޭސިކް ރެފްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

ޖުމްލަ އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޯސް ށ.ފުނަދޫގައި ފަށާފައި ވަނީ މި މަހު 4 ވަނަ ދުވަހުއެވެ. މި ކޯސް ނިންމާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ad
rt

ކޯސް ނިންމުމުގެ ރަސްމިއްޔާތު މިދިޔަ ހުކުރު ދުވަހުގެ ރޭ ބާއްވާފައިވާއިރު، އެ އަތޮޅުގެ 13 ރަށަކުން 33 ފަރާތަކުން ވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައެވެ. އެ އަތޮޅުގައި ޖުމްލަ މީހުން ދިރިއުޅެނީ 14 ރަށުގައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުގެ ހުރުމާއި ކެއުން ފުނަދޫގައި ހަމަޖައްސައި ދީފައި ވަނީ ށ.އަތޮޅު ކައުންސިލުންނެވެ.

ފުޓްސަލް ރެފްރީން ތަމްރީން ޕްރޮގްރާމެއް އެ އަތޮޅުގައި ކުރިއަށް ގެންދަން އަތޮޅު ކައުންސިލުން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގެ ރަށްތަކުގައި ފުޓްސަލް އަކީ ފޯރިއާއެކުކުޅޭ، ރަށާއި އަތޮޅު ފެންވަރުގެ މުބާރާތްތައް ވެސް ބާއްވާ ކުޅިވަރަކަށްވާއިރު، މުބާރާތްތައް ކުރިއަށް ގެންދަން ރެފްރީންގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަން ހައްލު ކުރުމެވެ. އަދި އަތޮޅުގައި ފުޓްސަލް ރެފްރީން ތަމްރީންވެ އެ ފުރުސަތުގެ ބޭނުންހިފައި އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ކޯހަކީ އަތޮޅު ކައުންސިލާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިއުޓް އޮފް ސްޕޯޓްސް، އަދި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ، އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ.