ހއ. މާރަންދޫ ކައުންސިލްގެ ނައިބުރައީސް އަޙްމަދު ރަމީޒު (ޕެލޭ) ނިޔާވެއްޖެ އެވެ.
އަޙްމަދު ރަމީޒު ނިޔާވެފައިވާކަން މާރަންދޫ ކައުންސިލުންވެސް ވަނީ ކަށަވަރުކޮއްދެއްވާފަ އެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ރަމީޒު ނިޔާވީ މިއަދު ހަވީރު ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހއ. ދިއްދޫގަ އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު މިނޫހަށް މާޢުލޫމާތު ދެމުން ބުނީ، ރަމީޒު ނިޔާވީ ހާރޓްއެޓޭކެއް ޖެހިގެން ކަމަށް ގަބޫލުކުރެވޭކަމަށެވެ. މިއަދު ހަވީރު އެރަށުގައި ކުޅުނު ފުޓްބޯޅަމެޗެއްގައިވެސް ރަމީޒު ކުޅުނެވެ. މެޗުގެ ވަކި ހިސާބަކުން ބެންޗައް އައިސް ފެންފޮދެއް ދޭން ބުނުމުން ފެންބުއިމަށް ފަހު ހޮޑުލާންފެށިކަމަށް އެމީހާ ބުންޏެވެ. އެވަގުތު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭންފެށިކަމަށާއި އިތުރަށް ހާލަތު ގޯސްވުމުން ދިއްދޫއަށް ގެންދިޔަކަމަށް އެމީހާ މަޢުލޫމާތު ދިނެވެ.
އަޙްމަދު ރަމީޒަކީ މާރަންދޫ ކައުންސިލްގެ ނައިބުރައީސްގެ މަޤާމުގައި ހުންނެވި، ރަށުގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ހަޔާތުގައި ރަށުގެ އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް މަސައްކަތް ކުރައްވާފައިވެއެވެ.
އުމުރުން 38 އަހަރުގައި ރަމީޒް ނިޔާވިއިރު ރަމީޒްގެ އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި ތިއްބެވިއެވެ.
މަރްޙޫމްގެ ޢާއިލާއަށާއި ރަށުގެ ރައްޔިތުންނަށް މި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމެވެ. އަދި މަރްޙޫމްގެ ފާފަ ފުއްސަވައި، ޖަންނަތުލް ފިރުދައުސް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ. އަދި ކަށްވަޅުގައި ސާބިތުކަން ދެއްވުމަށްވެސް އެދި ދުޢާ ކުރަމެވެ. އާމީން!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!