ޗައިނާގެ ވާވޭ އަދި ޒެޑްޓީއީ ޖަރުމަނުވިލާތުގެ 5ޖީ ނެޓްވޯކުން ބޭރުކުރަން ނިންމައިފިއެވެ.
ޖަރުމަނުވިލާތުން ވަނީ އެޤައުމުގެ 5ޖީ ނެޓްވޯކުން ޗައިނާގެ ވާވޭ އަދި ޒެޑްޓީއީގެ އާލާތްތައް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޭރުކުރުމަށް ނިންމައިފައެވެ. މިގޮތުން 2026 ވަނަ އަހަރުގެ ނިޔަލަށް "ކޯ ނެޓްވޯކް" ތަކުން، އަދި 2029 ވަނަ އަހަރުގެ ނިޔަލަށް "އެކްސެސް އަދި ޓްރާންސްޕޯޓް ނެޓްވޯކް" ތަކުން މި ދެ ކުންފުނީގެ އާލާތްތައް ނައްތާލުމަށް ވަނީ އަންގާފައެވެ.
ޖަރުމަނު ސަރުކާރުން މިފަދަ ނިންމުމެއް ނިންމީ "ސެބޮޓޭޖް އަދި ޖާސޫސީ ކުރުމުގެ ނުރައްކާ" އިން ރައްކާތެރިވުމަށާއި، ސަލާމަތީ ނުރައްކާތަކާއި ބޭރުގެ ފަރާތްތަކަށް ބަރޯސާވުން ކުޑަކުރުމަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ވާވޭއިން ވަނީ އެކުންފުނީގެ ޓެކްނޮލޮޖީއާ ގުޅިގެން އެއްވެސް ސައިބަރ ސެކިއުރިޓީ ނުރައްކަލެއް ހުރެދާނެ ކަމާ ދެކޮޅު ހަދާފައެވެ.
މި ނިންމުމަކީ ޖަރުމަނުވިލާތާއި އެޤައުމުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމުގައިވާ ޗައިނާއާ ދެމެދު ގުޅުން އިތުރަށް ގޯސްވެދާނެ ކަމެއްކަމަށް ބެލެވެއެވެ. އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ޖަޕާން ފަދަ ޤައުމުތަކުން ވެސް ވަނީ ވާވޭގެ އާލާތްތައް އެޤައުމުތަކުގެ 5ޖީ ނެޓްވޯކުތަކުން މަނާކޮށްފައެވެ.
އެމެރިކާއިން ކުރިން ވެސް ވާވޭއަށް ވިޔަފާރީގެ ހުރަސްތަކެއް ކުރިމަތިކޮށް، އެމެރިކާގެ ސަޕްލަޔަރުންގެ އަތުން ސެމިކޮންޑަކްޓަރ ޗިޕްސް ހޯދުމަށް ދަތިކުރިއެވެ.
ވާވޭގެ އާމްދަނީގެ 21 އިންސައްތަ ލިބެނީ ޔޫރަޕް، މެދުއިރުމަތި އަދި އެފްރިކާ ސަރަހައްދުންނެވެ.
މި ނިންމުން އައިސްފައިވަނީ ޖަރުމަނުވިލާތާއި ޔޫރަޕިއަން ޔޫނިއަނާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުން ފަދަ އެހެނިހެން ގުޅުންތައް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!