ހއ. ފިއްލަދޫގެ އުތުރު ދައްޕަރު ސަރަހައްދު ޓޫރިޒަމަށް ތަރައްޤީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފިއްލަދޫ ކައުންސިލްގެ އިދާރާއިން ހާމަކުރި ގޮތުގައި، ފިއްލަދޫގެ އުތުރު ދައްޕަރު ސަރަހައްދު ޓޫރިޒަމަށް ތަރައްޤީކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން 50 އަހަރުގެ މުއްދަތަށް އަހަރަކު އަކަމީޓަރަކަށް 40 ރުފިޔާގެ ކުއްޔަށް ބިން ދޫކުރެވޭނެއެވެ. އަދި ލޭންޑް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ދައްކަންޖެހޭނެއެވެ.

މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ގާތްގަނޑަކަށް 21 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މަޝްރޫޢުތަކެއް ހިންގުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި 100 ގެ އެޅުމާއި، 10 އަހަރުގެ މުއްދަތަށް އަހަރީ ސާފު ފައިދާގެ 0.25 އިންސައްތަ ހިއްސާކުރުމާއި، ސީޕްލޭން ޓާމިނަލެއް އެޅުމާއި، ފިއްލަދޫއާއި ދައްޕަރު ގުޅުވާލާ ރިންގު ރޯޑެއް އެޅުން ހިމެނެއެވެ.

އަދި ތަޢުލީމީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް އެހީތެރިވުމާއި، ތިމާވެށި ރައްކާތެރިކުރުމަށް ޚާއްޞަ ސަރަހައްދެއް ކަނޑައެޅުން ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން ފިއްލަދޫގެ އިޤްތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުއްމީދުކުރެވެއެވެ.