އީރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި މަސްއޫދު ޕެޒެޝްކިއާން އަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
އިރާނުގެ ރިއާސީ އިންތިހާބު ބާއްވާފައި މިވަނީ، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު، އޭރު އިރާނުގެ ރައީސްއަކަށް ހުންނެވި އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓި އެމަނިކުފާނު އަވަހާރަ ވުމާއި ގުޅިގެން އެ މަގާމް ހުސްވުމުންނެވެ.
އުމުރުން 69 އަހަރުގެ މަސްއޫދު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ހަ ކެނޑިޑޭޓުންނާ ވާދަކުރައްވައި، ދެވަނަ ބުރުންނެވެ. އިންތިހާބުގެ ދެވަނަ ބުރުގައި އޭނާއަށް 53.7 އިންސައްތަ ވޯޓް ހޯއްދެވިއިރު، އެންމެ ކައިރިން ވާދަކުރެއްވި ސައީދު ޖަލީލީއަށް ލިބިލެއްވީ 44.3 އިންސައްތަ ވޯޓެވެ.
ހޯއްދެވި ކާމިޔާބަށް މަރުހަބާ ދަންނަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މަސްއޫދުގެ ޒައާމަތުގައި ރާއްޖެ އާއި އީރާނާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.
އީރާނާއި މެދުއިރުމަތީގެ ކުރިއެރުމަށާއި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް އީރާނުން ކުރަމުން އަންނަ މަސައްކަތަކަށް ކާމިޔާބީ އަށް ވެސް ރައީސް މުއިއްޒު އެދިވަޑައިގެންފައިވެއެވެ.
މަސްއޫދުއަކީ ހިތުގެ ޑޮކްޓަރެކެވެ. އޭނާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި އީރާން އެކަހެރި ވެފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް ހުޅަނގާއިއެކު ހަރުދަނާ ގުޅުމެއް ބިނާކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!