ކ. މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަށް ހިންގާ ބޮޑު ނެޓްވޯކުގައި ތިބި މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިވަމުން އަންނަ ކަމުގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފިއެވެ.
މާފުށީ ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ ހުކުރު ދުވަހުގެރެއެވެ. ޖަލަށް ފޯނާއި މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވެނީ ކަރެކްޝަނަލް ސާވިސްގެ 18 އޮފިސަރެއްގެ މައްޗަށެވެ. އޭގެ ތެރެއިން މިހާތަނަށް އައިއިރު ހައްޔަރުކޮށްފައިވަނީ 13 މީހުންނެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ އޮފިސަރުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ކަރެކްޝަނަލް ސާވިސްގެ ޖޫނިއާ ރޭންކުގެ އޮފިސަރުންނެވެ.
ހޯމް މިނިސްޓްރީން ބުނީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އިތުރުން އެމްއެންޑީއެފުން އެ އޮޕަރޭޝަންގައި ބައިވެރިވެފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ކަންކަން ބެއްލެވުމަށް ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސިފައިން ބައިވެރިވާ އޮޕަރޭޝަން ފެށީ މިއަދު ހެނދުނު 6:30 ގައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އޮފިސަރުންގެ ތެރެއިން ނުވަ އޮފިސަރަކު ހައްޔަރުކޮށްފައި ވަނީ މާފުށިންނެވެ. ދެ މީހަކު ކާށިދޫ އިން އަދި ހއ. އުތީމުންނާއި މާލެ އިން ވެސް އެކަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ 73.6 މިލިއަން ރުފިޔާ ޖަމާވެފައެވެ. އަދި އެ ތަނުން އެކަކުގެ އެކައުންޓަށް އެކިފަހަރުގެ މަތިން 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!