ރާއްޖޭގެ ފަރާތުން ދެ ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނިންމާފައި ވަނީ ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަންކުރަން ފެންނަ ކަމަށެވެ.
އަދި ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނުގެ ސަފީރު ކަމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ.
މި ދެ ނަން ވެސް މަޖިލިހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައީސް ޑރ. މުއިއްޒު މީގެކުރިން ތޯހާ ވަނީ ސައުދީ އަރަބިއްޔާގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވައި، ރުހުން ހޯއްދެވުމަށް 19 ވަނަ މަޖިލިހަށް ފޮނުއްވައިފަ އެވެ. އަދި ތޯހާގެ ނަން މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލިހުގެ ތަޅުމަށް ފޮނުވުމުން އެ ނަން މަޖިލިހުން ފާސް ވެސް ކުރި އެވެ. އެކަމަކު، ރައީސް ޑރ. މުއިއްޒު ވަނީ ތޯހާ ޕާކިސްތާންގެ ސަފީރަކަށް ބަދަލު ކުރައްވަން ނިންމަވައިފައެވެ.
އޭނާ ސައުދީ އަށް އައްޔަން ކުރަން ނިންމުމަށް ފަހު އެ ނިންމުން ބަދަލު ކުރި ސަބަބެއް ސަރުކާރުން އަދި މަޖިލީހުން ވެސް ހާމަނުކުރެއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ. ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!