ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ 13 މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ގުޅޭ އޮޕަރޭޝަންގައި މިހާތަނަށް އެތަނުގެ 13 މުވައްޒަފަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

އޭގެތެރެއިން ކަރެންޝަންގެ 9 މުވައްޒަފަކު ހައްޔަރުކޮށްފައި ވަނީ މާފުށިންނެވެ. މީގެ އިތުރުން ކާށިދޫ އިން 2 މުވައްޒަފަކު އަދި ހއ. އުތީމުން އެއް މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ.

ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވުޒާރާއިން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އެ ވުޒާރާ އާއި ފުލުހުންގެ އިސްވެރިން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރަށްވައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި ޖަލަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެއް މުވައްޒަފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

މި 18 މުވައްޒަފުންގެ އެކައުންޓްތަކުން 73.6 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ފައިސާގެ އަދަދުތަކަކީ 2023 ޖެނުއަރީން ފެށީގެން ފާހަގަ ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.