ފައިސާގެ ބޭނުމުގައި ”ޔުނިފޯމް ވިއްކާނަމަ“ އެކަމެއް ޓޮލަރޭޓް ނުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިހުސާން މިހެން ވިދާޅުވީ، ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ހާމަކުރަށްވަމުންނެވެ.
މިކަން ހާމަކުރުމަށް ފުލުހުންގެ މަރުކަޒު، އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޔުނީފޯމު އެޅި މުޢައްސަސާތަކުގެ އޮފިސަރުންނަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ތިބޭ ބަޔަކަށްވާއިރު ނޭދެވޭ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގެނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.
ކަރެންޝަނަލް ސާވިސްގެ އޮފިސަރުންތަކަކަށް ތުހުމަތުވާގޮތަށް ޖައިދީންގެ އެކައުންޓުން ފައިސާ ޖަމާވެފައިވާކަން ހާމަކުރައްވައި ވަޒީރު ވިދާޅުވީ، އާދަޔާ ޚިލާފު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވެފައިވާ އޮފިސަރުންނަކީ ޤާނޫނާ ޚިލާފުވެފައިވާ ބައެއް ކަމަށެވެ.
އެއީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބައެއްކަން ފާހަގަކުރައްވައި، ރިޝްވަތު ހިފުމަކީ ކުށެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވިގޮތުގައި މިހާތަނަށް ބެލިބެލުމުން ރިޝްވަތުގެ މައްސަލާގައި ފާހަގަކުރެވުނު 18 އޮފިސަރުންނަކީ ވެސް ޖޫނިއަރ ރޭންކުގެ އޮފިސަރުން ކަމަށެވެ. މިފަދަ ކަންކަމުގައި ރޭންކެއް އިސްތިސްނާ ނުކުރައްވާނެ ކަމަށާއި، މިހާރު ކުރިއަށްދާ އޮޕަރޭޝަން ފުޅާވެސް ކުރަށްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
”ޖަލުގައި ތިބި ގައިދީންގެ އެކައުންޓުން ފައިސާ ޖަމާވެފައި އެބަހުރި. އެގޮތަށް ފައިސާ އާންމު ހާލަތުގައި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަރެކްޝަނަލް ސަރވިސްގެ އޮފިސަރަކަށް،" ވަޒީރު އިޙްސާން އިހްސާން ވިދާޅުވެފަވެއެވެ.
ވަޒީރު ވަނީ ޖަލަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ފާހަގަކުރެވުނު ކަމަށާއި އެއް މުވައްޒަފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި 18 މުވައްޒަފުންގެ އެކައުންޓްތަކުން 73.6 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!