ޑިންގީއެއްގައި ރާއްޖޭގެ ފަޅުރަށަކަށް ލެއްގި ސޯމާލިއާގެ ތިން މީހުން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ ފަޅުރަށަކަށް ސޯމާލިއާގެ ތިން ފިރިހެނުންނާ އެކު، ޑިންގީއެއް ލެއްގީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމީހުން ދަތުރުކުރަމުންދިޔަ ޑިންގީއާއެކު ލެއްގީ ނ. ވަވައްޗަށެވެ.

Ad
rt

ފުލުހުން ބުނީ ސޯމާލިއާ ތިން މީހުން އިއްޔެ ހުޅުމާލެ އިމިގްރޭޝަން ފެސިލިޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ހުޅުމާލެ 2 ގައި ހުންނަ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބައިތިއްބާ ފެސިލިޓީއެކެވެ. އެ ފެސިލިޓީއަށް ގެންދަނީ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށެވެ.

އެ މީހުން މިހާތަނަށް ތިބީ ނ. ހޮޅުދޫގައި ފުލުހުން ހަމަޖައްސައިދިން ވަގުތީ ހިޔާވައްސެއްގައެވެ

މީގެ ކުރިން ވެސް، މަހަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިގެން އޮޔާދަނިކޮށް ސޯމާލިއާގެ ބޯޓުތައް ރާއްޖެ ސަރަހައްދުން ފެނިފައިވެއެވެ.