ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހާއި އާދިއްތަ އަދި ހޯމަ ދުވަހު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި އެ ސަރަޙައްދުތަކަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

Ad
rt

މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސް ނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ރަށްތަކަށް ވިއްސާރަކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ގާފަރަށެވެ. އެ ރަށަށް 24 ގަޑިއިރުގެ ތެރޭގައި 67.7 މިލިމީޓަރުގެ ވާރޭވެހުނު ކަމަށް ވަނީ ރެކޯޑުކޮށްފައެވެ. އަދި ބ. ގޮއިދުއަށް 61.2 މިލިމީޓަރުގެ ވާރޭވެހުނު ކަމަށްވެސް ވަނީ ރެކޯޑުކޮށްފައެވެ. އަދި ބ. ދަރަވަންދޫ އަށް 20 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ލަފާކޮށްފައިވެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 12 މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެ އިދރާާ އިން ބުންޏެވެ.

އެ އިދާރާ އިން ބުނީ މޫސުން ރަނގަޅު ވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެން ކަމަށެވެ.