މި މަހުގެ 13 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 50 ވަނަ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޓަލީއަށް ވަޑައިގަންނަވައިފިއެވެ.
ދުނިޔޭގެ ބޮޑެތި އިޤްޞާދީ ތަކުގެ ލީޑަރުން ބައިވެރި ވަޑައިގަންނަވާ ޖީ7 އައުޓްރީޗް ސަމިޓަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވަނީ މޯދީއަށް ދައުވަތު ދެއްވާފައެވެ.
މޯދީގެ މި ދަތުރުފުޅާ ގުޅޭ ގޮތުން ދެއްވި ހާއްސަ ބްރީފިންއެއްގައި ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވާތުރާ ވިދާޅުވީ އިޓަލީގެ ބޮޑުވަޒީރުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޓަލީގެ އަޕޫލިއާއަށް ވަޑައިގަންނަވާނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ 50 ވަނަ ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރެއްގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މޯދީ އިންޑިއާއިން ބޭރަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ.
"މީގެ ސަބަބުން ޖީ-7 ސަމިޓްގައި ބައިވެރިވާ ދުނިޔޭގެ އެހެން ލީޑަރުންނާ އެކު ވެސް އިންޑިއާ އަށާއި ގްލޯބަލް ސައުތުއަށް ވެސް މުހިންމު ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ،" ކްވާތުރާ ވިދާޅުވި އެވެ. މި ސަމިޓުގައި މޯދީ ޖޯޖިއާ މެލޯނީއާ އެކު ބައިލެޓަރަލް ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އިޓަލީއަކީ މިއަހަރު ޖީ-7ގެ ޗެއާއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ހަތް އިގްތިސާދުހިމެނޭ ނުރަސްމީ ގްރޫޕްގެ ސަމިޓް ބާއްވަމުން އަންނަ އިރު، އޭގެ ތެރޭގައި ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނު ޖަޕާން އިނގިރޭސިވިލާތް އަދި އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ.
މިއީ ޖީ-7 ސަމިޓުގައި އިންޑިއާ އިން ބައިވެރިވާ 11 ވަނަ އަދި ޖީ7 ސަމިޓުގައި މޯދީ ޖެހިޖެހިގެން ބައިވެރިވާ ފަސް ވަނަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!