ޣައްޒާ ހަނގުރާމަ ހުއްޓަލުމަށާއި، އިޒްރޭލަށް އެހީވުން ހުއްޓާލުމަށް ގޮވާލާ ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފި

ވައިޓް ހައުސް ކުރިމަތީ މުޒާހަރާ ކުރަނީ، ފޮޓޯ: އޭއެފްޕީ
ވައިޓް ހައުސް ކުރިމަތީ މުޒާހަރާ ކުރަނީ، ފޮޓޯ: އޭއެފްޕީ

ޣައްޒާ ހަނގުރާމަ ހުއްޓަލުމަށާއި، އިޒްރޭލަށް އެހީވުން ހުއްޓާލުމަށް ގޮވާލާ ފަލަސްތީނަށް ތާއިދު ކުރާ އެތައް ހާސް ރައްޔިތުންނެއް ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާ ކޮށްފިއެވެ.

"ރަތް ރޮނގު" މި ނަމުގައި ހޮނިހިރު ދުވަހު ވޮޝިންގޓަންގައި ބޭއްވި މުޒާހަރާގެ ބައިވެރިން ތިބީ އިޒްރޭލް ސިފައިންގެ ހަމަލާ ތަކުގައި ޝަހީދުވެފައިވާ މީހުންގެ ނަންތައް ލިޔެފައިވާ ދިގު ބެނާ އެއް ހިފައިގެންނެވެ.

ޣައްޒާ އަށް އިޒްރޭލު ސިފައިން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާއްމުން މަރުވަމުން ދާއިރު އެމެރިކާގެ ރައީސް އިޒްރޭލުގެ ކޮޅަށް ވަރަށް ބޮޑަށް ބުރަވެ ހުންނަވާ މައްސަލައިގައި އެތައް ބަޔެއްގެ ނުރުހުމާ ފާޑު ކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.

މެއި މަހު ރަފަހް ސިޓީގައި އިޒްރޭލް ސިފައިން ހިންގި ގަތުލުއާއްމާ މެދު މުޅި ދުނިޔޭގެ ރުޅި އިޒްރޭލަށް އަމާޒުވެގެން ދިޔަ ދަނޑިވަޅުގައި ވައިޓް ހައުސްއިން ބުނެފައިވަނީ އެމެރިކާއިން ދެކޭ ގޮތުގައި އިޒްރޭލުން އަދި "ރަތް ރޮނގު" ހުރަސް ނުކުރާ ކަމަށެވެ.

މުޒާހަރާގެ ބައެއް ބައިވެރިން މީޑިއާ ވާހަކަ ދައްކަމުން ބުނެފައިވަނީ ޖޯ ބައިޑްން ދައްކަވާ އެއްވެސް ވާހަކަ އަކަށް އިތުބާރު ނުކުރާ ކަމަށެވެ.

ފަލަސްތީނު މައްސަލައިގައި އެމެރިކާގެ ދެފުއް ދެގޮތް ސިޔާސަތާ މެދު އަޑު އުފުލާ، މުޒާހަރާގެ ބައިވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ރަތް ހެދުމުގައި ފަލަސްތީންގެ ދިދަ ހިފައިގެން ގިނަ ބައިވެރިން ފެނުނު މުޒާހަރާގައި "ބައިޑްންގެ ރަތް ރޮނގަކީ ދޮގެއް" "ކުޑަކުދިންނަށް ބޮން އެޅުމަކީ އަމިއްލަ އަށް ދިފާއުވުމެއް ނޫން" ފަދަ ގޮވުންތައް ގޮވަމުން ދިޔައެވެ.

މުޒާހަރާ އާ ގުޅިގެން ވައިޓް ހައުސް ހުންނަ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކުރެވިފައިވާ ކަން މީޑިއާތަކުން ވަނީ ފާހަގަ ކޮށްފިއެވެ.

ގާޒާގައި ހިނގަމުންދާ ހަނގުރާމައިގައި ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 36،801 ފަލަސްތީން ރައްޔިތުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 83،680 ފަލަސްތީން ރައްޔިތުން ވަނީ ޒަޚަމްވެފައެވެ. ހަމާސްގެ ހަމަލާތަކުގައި މި މުއްދަތުގައި އިޒްރޭލުން މަރުވެފައިވަނީ 1،139 މީހުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *