ލިޔެލާޖެހުން: ދިވެހީން ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ހުނަރުވެރި މަސައްކަތެއް!

liyelaa jehun

Picture of ޢަބްދުﷲ ސަޢީދު

ޢަބްދުﷲ ސަޢީދު

ނ. މަނަދޫއަށް އުފަން، ކޮމާންޑް ސާޖެންޓް މޭަޖަރ ޢަބްދުﷲ ސަޢީދަކީ، ހުނަރުވެރި މޮޅު ލިޔުންތެރިއެކެވެ. ޚާއްޞަކޮށް ތާރީޚީ ދިރާސީ ލިޔުންތައް ލިޔުއްވުމުގައި ފަންނުވެރި ކުޅަދާނަ ލިޔުންތެރިއެކެވެ. ބަހަވީ އަދަބީ ތާރީޚީ ސަގާފީ ޚިދުމަތްތަކުންވެސް ގައުމީގޮތުން ފާހަގަކުރެވޭ، ފަޚުރުވެރި ދިވެހި ދަރިއެކެވެ.

ދިވެހި ބަސްފޮތުގައި އޮންނަގޮތުން ނަމަ ލިޔެލާޖެހުމަކީ ލަކުޑިގަނޑެއް ދިގުހަރުގައި އަޅައިގެން ލިޔާކަށްޓަކުން ކޮށައި އެއަށް ގަސްތުކޮށްފައިވާ ސިފަޔެއް ގެނެސް އޭގައިލާހިއްޕުމެވެ.

ލިޔެލާޖެހުމަކީ ދެ މަސައްކަތެއް ލާމެހިގެން ހެދިފައިވާ ލަފުޒެކެވެ. އެއީ ލިޔުމާއި ލާޖެހުމެވެ. ލިޔުމަކީ ދިގު ހަރުގައި ނުވަތަ އަރިޔަން ހަރުގައި އަޅައިގެން ލިޔާ ކަށިން ލަކުޑި ކޮށައި މަށައި އެކިވައްތަރަށް ސިފަ ގެނައުމެވެ. ލާޖެހުމަކީ ލަކުޑިން ހަދައިފައި ހުންނަ މަލާފަތާއި، ނާޅިއާއި، ލާއްސާއި، ފުރޯދަނޑި ފަދަ އެއްޗެހީގައި ލާހިންގުން، ނުވަތަ ލާ ދުއްވުމެވެ.

ލާފެންކުރުމަކީ ކުލައަޅައިގެން ތަޅައިފައި ހުންނަ ލާޖަހަން ބޭނުން އެއްޗެއްގައި ހޫނުކޮށްފައި ޖަހަމުން ފަތުރާ އޮމާންކޮށް އޮފުއެރުވުމެވެ. އެއްޗެއްގައި ލާ ހިންގައި އޮފުއެރުވުމަށް ފަހު ތަފާތު ކުލަކުލައިން ތައްޔާރު ކޮށްފައިވާ ލާ ހޫނުކޮށް އޭގެ ހިމަ ފަށްތައް، ބޭނުން ވަރަކަށް ދަމައިފައި، އެ އެއްޗެއްގައި އަތުރައި، ލަކުޑި ވަޅިއަކުން އެ ފަށްތަކުގައި ކުރެހުން އުފައްދައި، މިލުވައިފައި ހުންނަ ކެޔޮފަތުން އޮފު އެރުވުމެވެ. މިއީ އިހުޒަމާނުގައި ޒަމާންތަކަށް ދަމަހައްޓާން ބޭނުންވާ އިމާރާތުގެ ލަކުޑީގެ ތަންތަނާއި ތަކެތީގައި ޚާއްޞަ އަހައްމިއްޔަތެއް ދީގެން ކުރާކަމެކެވެ.

ލިޔެލާޖެހުމުގެ މަސައްކަތަކީ ދިވެހީން ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ހުނަރުވެރިމަސައްކަތެކެވެ.

މި މަސައްކަތަށް އެންމެ މޮޅު މީހުން ތިބީ ބ. އަތޮޅު ތުޅާދޫގައެވެ. ތުޅާދޫއަށް މި މަސައްކަތް ތަޢާރަފުވީ އިންޑިއާ ބަޔަކު ކައިރިން މި މަސައްކަތް ދަސްކުރި ފަރެސް ދޮންމޫސަބޭ ކިޔާ މީހެއްގެ ކިބައިން ކަމަށް ބުނެވެއެވެ.

ލިޔެލާޖެހުމާއި ލާފެންކުރުމަކީ ދިގު ތާރީޚެއް ލިބިފައިވާ ވަރަށް އިހުއްސުރެ ދިވެހީން ކުރަމުން އައި މަސައްކަތެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެންމެ ކުރީ ޒަމާނުގެ ބައެއް ހިރިގަލު މިސްކިތްތަކުގެ ބެރިތަކާއި ފަންގިފިލާތައް ހުރީ ލާފެންކޮށްފައެވެ. އަދި ތަނބުތަކާއި މުޑިތައް ލިޔެލާޖަހާފައި ހުރުމުން ދޭހަކޮށްދެނީ ދިވެހީން މި މަސައްކަތްކުރާތާ އެތައްއެތައް ޒަމާނެއް ވެއްޖެކަމެވެ. ދިވެހީންގެ ތެރޭގައި މި މަސައްކަތުގެ ދޮށިކަމެވެ.

މި މަސައްކަތް ދިވެހީންނާ ހަމައަށް އައީ ސީނުކަރަ (ޗައިނާ) އާއި، އަސޭކަރަ (އިންޑޮނޭޝިޔާ) އާއި، އުތުރުކަރަ (އިންޑިއާ) ފަދަ މި މަސައްކަތްކުރާ ދުނިޔޭގެ އެކިއެކި ޤައުމުތަކުން ކަމަށް ބެލެވެއެވެ. ނަމަވެސް ދިވެހީން ލިޔެލާޖެހުމުގައި ބޭނުންކުރާ މައިގަނޑު ކުލަތަކާއި، ފަރުމާތަކާއި ކުރެހުންތަކުން ދިވެހިވަންތަކަމެއް ވަނީ އުފެދިފައެވެ. ވަކި ކުލަތަކާއެކު ވަކިކަހަލަ ކުރެހުންގަނޑުތަކެއް ފެނުމުން އެއީ ދިވެހީންގެ އުފެއްދުމެއްކަން އެނގޭހާވަރަށް ދިވެހި ކާބައިންވަނީ ވަކި ހަމަތަކަކާއި ގޮތްތަކެއް މި މަސައްކަތުގައި ވެސް ހިފަހައްޓާފައެވެ.

ލާޖެހުމަށް އެންމެ ފުރަތަމަ ކުރާ ކަމަކީ ލާޖަހާނެ އެއްޗެއް ދިގު ހަރުގައި ލިޔުމެވެ. ލަކުޑި ލިޔެގެން ސިފަގެނެސް އެ އެއްޗެއް ހެދުމުން ދެން އޮންނަނީ ލާ ޖެހުން ނުވަތަ ލާހިއްޕުމެވެ. ލާހިއްޕަނީ ލިޔުނުއެތި ލިޔުނުއިރު ހަރުގައި ތިއްބައިގެން ދިއުޅި ލައްވައިގެން ދެމިގޮތަށް ދަމައިގެން އެނބުރޭއިރު ލާގަނޑު ޖައްސައިގެންނެވެ. މި ޒަމާނުގައި އަތުން އަދާ ދިއުޅީގެ ބަދަލުގައި ކަރަންޓް މޯޓަރާއި ލޭތު މެޝިންފަދަ ޒަމާނީ ފަސޭހަ ވަސީލަތްތައް ބޭނުން ކުރެއެވެ.

ލާޖެހުމަށް ލަކުޑިން ހެދި އެތީގައި ލާ ހިފަނީ އެ އެއްޗެއް އެނބުރޭއިރު އޭގައި ލާގަނޑު ޖެއްސުމުން އުފެދޭ ހޫނުގެ ސަބަބުންނެވެ. ލާ (ލެކަރ Lacquer) އަކީ ޓޮކްސިކޯޑެންޑްރޮން ވަރނިސިފްލޫމް ގަހުގެ ކިރާއި އަދި އެހެން ބައެއް ތަކެތި އެއްކޮށްގެން އުފައްދާ އެއްޗެކެވެ. ލާގެ ތެރެއަށް އެކިއެކި ކުލަ އަޅައިގެން އެކި ކުލަކުލައިގެ ލާހަދައެވެ.

ލާޖަހާއިރު އެއްފަށްލާ އާއި ދެފަށް ލާ ޖަހާ އުޅެއެވެ ދެ ފަށް ލާ ޖަހަނީ މޮޅަށް ލާޖަހާއިރުއެވެ. ދެފަށް ލާޖެހުމަކީ އެހެން ކުލައަކުން އެއްފަށް މައްޗަށް އަނެއްފަށް ޖެހުމެވެ. އާންމުކޮށް މިގޮތަށް ލާ ޖަހަަނީ ތަފާތު ކުރެހުން ކުރަހައި ހެދުމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *