އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހަރްޒީ ހަލެވީ ވިދާޅުވީ ލުބުނާނުގައި ހިޒްބުالله އަށް ހަމަލާ ދޭން އިޒްރޭލުން އޮތީ ތައްޔާރަށް ކަމަށާއި އެކަމާ މެދު ގޮތެއް ނިންމުމާ ގާތްވެފައިވާ ކަމަށެވެ.
ހަލެވީ މިހެން ވިދާޅުވެފައި މިވަނީ އިސްރާއީލުގެ ނޭޝަނަލް ފަޔާ އެންޑް ރެސްކިއު އޮތޯރިޓީގެ ކޮމިޝަނަރު އެޔަލް ކަސްޕައި އާއި އަސްކަރިއްޔާގެ ބައެއް ލީޑަރުންނާ އެކު އިޒްރޭލުގެ އުތުރު ބޯޑަރު ސަރަހައްދުގެ ހާލަތު ދެނެގަތުމަށް ފަހު ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިސްރާއީލުގެ އުތުރުގެ އާބާދީތަކާއި އަވަށްތަކުގައި އަލިފާން ރޯވެފައި ވަނީ ހިޒްބުالله އިން ލުބުނާނުން ރޮކެޓާއި ބަނގުރާ ބަރުކޮށްފައިވާ ޑްރޯންތައް ފޮނުވާލުމުންނެވެ.
ހަލެވީ ވިދާޅުވީ ވަކި ގޮތެއް ނިންމަން ޖެހޭ ހިސާބާ ގާތްވަމުން އަންނަ ކަމަށާއި އިޒްރޭލުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށާއި އެ ނިންމުމަށް ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ.
އަލިފާން ނިއްވުމުގެ ޓީމުތަކުން ދަނީ އިސްރާއީލުގެ ކެރެން ނަފްތާލީ އާއި އަޕަރ ގަލީލީގެ ސަފީދު ސިޓީ ކައިރީގައި ވާ ބިރިޔާ ސަރަހައްދުގެ ޖަންގަލިތަކުގައި ރޯވި އަލިފާންނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
އިޒްރޭލުގެ ހާރެޓްޒް ނޫހުން ޓައިބީރިއާސް ފަޔާ ސްޓޭޝަންގެ ވެރިޔާ ބޮރިސް އައިޒަންބާގްއާ ހަވާލާދީ ބުނެފައި ވަނީ "އަލިފާނުގެ ހާދިސާގައި ގާތްގަނޑަކަށް 1،000 އޭކަރުގެ ބިމެއް ހަލާކުވެފައިވާ ކަމަށެވެ. އަންދާޒާތައް ދައްކާ ގޮތުން ގޯލާން ހައިޓްސްގައި ރޯވި އަލިފާނުގެ ހާދިސާތަކާއި އެކު 2500 އޭކަރަށް ވުރެ ގިނަ ޖަންގައްޔާއި ފެހިކަން އަނދާފައިވާ ކަމަށާއި އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ގުދުރަތީ ރިޒާވްގެ ބައެއް ކަމަށެވެ.
ލުބުނާނާއި އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އުފެދިފައި މިވަނީ 2006 ވަނަ އަހަރު އިސްރާއީލާއި ހިޒްބުالله އާ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިންގުމަށްފަހު ހިނގި އެންމެ ނުރައްކާތެރި ހަމަނުޖެހުންތަކުގައި އިސްރާއީލު ސިފައިންނާއި ހިޒްބުاللهއާ ދެމެދު މެދުކެނޑުމެއްނެތި ބަޑީގެ ހަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!