ތުރުކީގެ ސަފީރަކަށް އަބްދުއްރަހީމް، ޕާކިސްތާނަށް ތޯހާ އައްޔަން ކުރަން ކޮމިޓީއަށް ފޮނުވައިފި

Abdul Raheem MNDF

ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ހަމަޖެއްސުމަށާއި ޕާކިސްތާންގެ ސަފީރަކަށް މުހައްމަދު ތޯހާ ހަމަޖެއްސުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރަން ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ތޯހާ ވަނީ ސައުދީ އަރަބިއްޔާގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވައި، ރުހުން ހޯއްދެވުމަށް މަޖިލިހަށް ފޮނުއްވައިފައެވެ. އަދި 19 ވަނަ މަޖިލިހުގައި ތޯހާ، ސައުދީގެ ސަފީރަކަށް އައްޔަން ކުރަން ފާސް ވެސް ކުރިއެވެ.

އެކަމަކު، ރައީސް ޑރ. މުއިއްޒު ވަނީ ތޯހާ ޕާކިސްތާންގެ ސަފީރަކަށް ބަދަލު ކުރައްވަން ނިންމަވައި އެ މައްސަލަ މަޖިލިހަށް ހުށަހަޅުއްވައިފައެވެ.

ތުރުކީގެ ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާ އަބްދުއްރަހީމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އޭނާ ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ. ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.

ރާއްޖެއިން ފުރަތަމަ ތުރުކީއަށް ކަނޑައަޅާ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާއިރު މިހާރު އަބްދުއްރަހީމް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

ތުރުކީގެ ސަފީރަކަށް އަބްދުއްރަހީމް އައްޔަން ކުރަން ނިންމާފައިވާ އިރު، އެ ގައުމުގައި އަލަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ. އެކަން ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު ހުވާލުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް އެންމެ ފުރަތަމަ ކުރެއްވި ދަތުރުގެ ގޮތުގައި ތުރުކީ އަށް ކުރެއްވި ދަތުރުގެ ތެރޭގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި