ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ގެންދާ މީހެއްގެ އަތުން ނަގާ އަގު 50،000 ރުފިޔާއަށް ކުޑަކުރުމަކީ އެ ކުންފުނީގެ އަމާޒުކަމުގައި ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާގައި ހުންނަވާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ، ރާއްޖެއިން މީހުން ހައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ. އެހެންކަމުން ރައީސްގެ އެ އެދިވަޑައިގަތުން ހާސިލްކުރުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް ޝަކީލް ވިދާޅުވިއެވެ.
މިގޮތުން މިހާރު މަސައްކަތް ކުރަނީ ކުރިއަށް އޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ހައްޖު ދަތުރުތަކުގެ އަގު ކުޑަކުރުމަށްކަމަށް ކަމަށާއި، މިހާރު 69,965 ރުފިޔާއަށް ޙައްޖު ދަތުރުކޮށްދިންނަމަވެސް ކުރިއަށް އޮތް ތަނުގައި 50،000 ރުފިޔާއަށް ދަތުރުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝަކީލް ވަނީ ވިދާޅުވެފައެވެ.
ޝަކީލް ވިދާޅުވިގޮތުގައި ލަސްތަކެއް ނުވެ ހައްޖު ކޯޕަރޭޝަނަށް ހެޔޮ ބަދަލެއް އަންނާނެ އެވެ. އެއާއެކު ރައީސްގެ ތަޞައްވުރާ އެއްގޮތަށް ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް މީހުން ހައްޖަށް ގެންދާ އަގު ހެޔޮވުމަކީ އެކަމަށް އުންމީދުގައި ތިބި އެތައް ރައްޔިތުންގެ ބޮޑު އުންމީދެކެވެ. ހައްޖަށް މީހުން ގެންދިޔުމަށް އަމިއްލަ ބައެއް ކުންފުނިތަކަށް ކުރިން ދެމުން އައި ކޯޓާ ދިނުން ހުއްޓާލައި، ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް މި ސަރުކާރުން ނިންމި މައިގަނޑު ސަބަބެއްކަމުގައި ވެސް އޭރު ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިޔުމަށް ނަގަން ޢިއުލާން ކުރާ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، އަމިއްލަ ބައެއް ކުންފުނިތަކުން މީހުންގެ އަތުން ފައިސާނަގަމުން ދިޔުމެވެ.
ހައްޖަށް މީހުން ގެންދަން ރާއްޖެއަށް ސައުދީ ސަރުކާރުން މިހާރު ދެމުން އަންނަނީ އަހަރަކަށް 1000 ކޯޓާއެވެ. އެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!