ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު ޓްރީޓީއެއްގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެއްވުމަށް ހުށައެޅުއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު ސޮއިކުރަން ނިންމާފައިވާ އެއްބަސްވުން (ޓްރީޓީ) އަކީ، "ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް" އެވެ.
ބައިނަލްއަޤްވާމީ ޓްރީޓީއަކީ ބައިނަލްއަޤްވާމީ ދެ ޤައުމެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ޤައުމުތަކެއްގެ ދެމެދުގައި ލިޔުމުން ކުރެވޭ ބައިނަލްއަޤްވާމީ އެއްބަސް ވުމެކެވެ.
ޖިނާއީ ކުށްތައް ހުއްޓުވުމަށް ރާއްޖެއާ ލަންކާ އާއި ދެމެދު ޓްރީޓީއެއްގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވީ ޚާރިޖީ ވުޒާރާއިން ހުށަހެޅި ކަރުދާހަކާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު މިއަދުއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ޓްރީޓީގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމާއެކެ، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ދިނުމެވެ.
މީގެ އިތުރުން މި ޓްރިޓީގެ ދަށުން، އެޤައުމެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި އަދި މި ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ހާމަކޮށްފަވެއެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2011 ވަނަ އަހަރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!