ސައުދީ ކިންގް ކަޕް ފައިނަލް މެޗުން އަލް ހިލާލް އަތުން އަލް ނަސްރު ބަލިވުމުން، ކްރިސްޓިއާނޯ ރޮނާލްޑޯއަށް ތައްޓެއް ކާމިޔާބު ނުކުރެވި ސީޒަން ނިންމާލަން ޖެހިއްޖެއެވެ.

ކިންގް ކަޕް ފައިނަލް މެޗު ރޭ ޖިއްދާގައި ކުޅުނުއިރު، މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެފައެވެ.

Ad
rt

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަލް ހިލާލުންނެވެ. މި ލަނޑު 7 ވަނަ މިނެޓުގައި ޖަހައިދިނީ މިޓްރޮވިޗެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ނަސްރުގެ އައިމަން ޔަހްޔާ ވަނީ ލަނޑުޖަހައި ނަސްރަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ދެހާފު ކުޅެ ނިމުނު އިރު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން، މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގަ އަލް ހިލާލުން ކުރި ހޯދީ 5-4 ގެ ނަތީޖާއިންނެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ތިން ރަތްކާޑު ފެނިގެންދިޔައެވެ. ފުރަތަމަ ރަތްކާޑު 56 ވަނަ މިނެޓުގައި ދެއްކީ ނަސްރުގެ ގޯލްކޫޕަރ އޮސްޕިނާއަށެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އަލް ހިލާލްގެ އަލި އަލް ބްލާހީއަށް ރަތްކާޑެއް ދެއްކިއިރު މެޗުގެ ފަހު މިނެޓްގައި ހިލާލްގެ ކުލިބާލީއަށް ވެސް ވަނީ ރަތްކާޑު ދައްކާފައެވެ.

މިއީ އަލް ހިލާލްގެ އާދަޔާ ހިލާފް ސީޒަނެކެވެ. އެ ޓީމް އަދި ސީޒަންގައި މިހާތަނަށް ބަލިވެފައިނުވާއިރު، އެ ޓީމުން މިވަނީ ތިން މުބާރާތެއްގެ ތަށި ކާމިޔާބު ކޮށްފައެވެ. އެއީ ސައުދީ ލީގާއި ސައުދީ ސުޕަކަޕްގެ އިތުރުން ކިންގް ކަޕެވެ.

އުމުރުން 39 އަހަރުގެ ރޮނާލްޑޯއަށް ތައްޓެއް ނުލިބުނު ނަމަވެސް އޭނާ ވަނީ އެއް ސީޒަންގައި ސައުދީ ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދާފައެވެ. އޭނާ ވަނީ މި ސީޒަންގައި ސައުދީ ލީގުގައި 35 ލަނޑު ޖަހާފައެވެ.