މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ.

މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމުގެ ފުރުސަތު ލިބުނީ މިދިޔަ ދެ އަހަރެކޭ އެއްގޮތަށް ހައްޖު ކޯޕަރޭޝަނެވެ. ރާއްޖެ އަށް ލިބިފައިވާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ.

Ad
rt

މީގެ ތެރެއިން ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރިއިރު، މި ގްރޫޕްގައި މިއަދު ވަނީ 296 ހައްޖާޖީން ފުރާފައެވެ.

ހައްޖާޖީން ފުރުމުގެ ކުރިން ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ހައްޖުވެރިންނާ ބައްދަލުކުރައްވައި، ހައްޖަށް ފުރުމުގެ އިންތިޒާމުތައް ރާވާފައިވާގޮތް ބައްލަވާލައްވާފައެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދާއި އެ ވުޒާރާގެ އިސް ވެރިން ވެސް ވަނީ އެއާޕޯޓަށް ވަޑައިގެންފައެވެ.

މި އަހަރު ހައްޖަށް މީހުން ގެންދަނީ ޖުމްލަ ހަތަރު ފްލެއިޓެއްގައެވެ. ބާކީ ތިން ފްލައިޓް އޮންނާނީ 3 ޖޫން، ޖޫން 7 އަދި ޖޫން 10 ވަނަ ދުވަހުއެވެ.

މިފަހަރު ރާއްޖެ އަށް ލިބުނު ހައްޖު ކޯޓާ އިން، ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުންނަށް ސަރުކާރުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ވަނީ ހަމަޖައްސަވާދެއްވާފައެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހާއެވެ.